ވަން ޔޫއައި 8.5 އާއެކު ގެލެކްސީ އޭއައި ފީޗާތައް އާންމުކޮށްފި

ސެމްސަންގްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓް ކަމަށްވާ ވަން ޔޫއައި 8.5 ގެ ސްޓޭބަލް ވާޝަން ރަސްމީކޮށް ދޫކުރަން ފަށައިފިއެވެ. މި އަޕްޑޭޓަކީ މި އަހަރު ނެރުނު ގެލެކްސީ އެސް26 ސީރީޒްއާ އެކު ތައާރަފްކުރި ގިނަ "ގެލެކްސީ އޭއައި" ފީޗާތައް ކުރީގެ ފްލެގްޝިޕް ފޯނުތަކަށް ގެނެސްދޭ މުހިންމު އަޕްޑޭޓެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މި ވަގުތު މި އަޕްޑޭޓް ދޫކުރަން ފަށާފައިވަނީ ދެކުނު ކޮރެއާގައި ގެލެކްސީ އެސް25 ސީރީޒް ބޭނުންކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން އެސް25 އެފްއީ އާއި ޒެޑް ފޯލްޑް 7 އަދި ޒެޑް ފްލިޕް 7 އަށް ވެސް މިހާރު މި އަޕްޑޭޓް އަންނަނީ ފޯރުކޮށްދެމުންނެވެ. https://sun.mv/221318 މި އަޕްޑޭޓް ލިބޭނެ ކަމަށް ކުންފުނިން ކަނޑައަޅާފައިވާ ޑިވައިސްތަކުގެ ތެރޭގައި ގެލެކްސީ އެސް25 ސީރީޒްގެ އިތުރުން، އެސް24 ސީރީޒްއާއި، ޒެޑް ފޯލްޑ' 6 އަދި ޒެޑް ފްލިޕް 6 ހިމެނެއެވެ. އަދި ޓެބްލެޓްތަކުގެ ތެރެއިން ގެލެކްސީ ޓެބް އެސް11 އަދި އެސް10 ސީރީޒްއަށް ވެސް މި އަޕްޑޭޓް ލިބޭނެއެވެ. އެސް25 ސީރީޒްއަށް މި ސްޓޭބަލް ވާޝަން ނެރެފައިވަނީ 10 ބީޓާ އަޕްޑޭޓަށް ފަހުގައެވެ. މި އާ އަޕްޑޭޓާ އެކު އޭޕްރީލް 2026 ގެ ސެކިއުރިޓީ ޕެޗް ވެސް ފޯނުތަކަށް ލިބިގެންދާނެއެވެ. ވަން ޔޫއައި 8.5 އާއެކު އޭއައިގެ ގިނަ ފަސޭހަތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި "އެޖެންޓިކް އޭއައި" ޓޫލްސްތަކާއި ކްރިއޭޓިވް ސްޓޫޑިއޯ ފާހަގަކޮށްލެވެއެވެ. އަދި ފޮޓޯ އެޑިޓް ކުރުމުގައި އެއް ފޮޓޯއިން އަނެއް ފޮޓޯއަށް އޮބްޖެކްޓް ގެންދެވޭ "ފޮޓޯ އެސިސްޓް" ފީޗާއާއި، ޓެކްސްޓް ޕްރޮމްޕްޓް ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން އޯޑިއޯ އިރޭޒާ ވަރުގަދަކޮށް، ބިކްސްބީ ޓެކްސްޓް ކޯލް މެދުވެރިކޮށް ކޯލް ސްކްރީން ކުރުމުގެ ހިދުމަތް ވެސް މިވަނީ އިތުރަށް ފުރިހަމަކޮށްފައެވެ. ފޯނުގެ އިންޓަފޭސްއަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، އާ ބްލާ އިފެކްޓްސްތަކާއި ފްލޯޓިން ޔޫއައި އެލެމެންޓްތައް ވަނީ ހިމަނާފައެވެ. އަދި ލޮކް ސްކްރީންގައި ހުންނަ ގަޑި އިތުރަށް ކަސްޓަމައިޒް ކުރެވޭ ގޮތް ހަދާފައިވާއިރު، މޫސުމަށް ބަލައި ބަދަލުވާ ވޯލްޕޭޕާ އިފެކްޓްސްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ. ކެމެރާގެ ބަޔަށް ބަލާއިރު، ރިއަލް-ޓައިމް ލަޓް ޕްރިވިއުއާއެކު ލޮގް ވީޑިއޯ ރެކޯޑްކުރުމާއި، ކުރިމަތި އަދި ފަހަތު ކެމެރާ އެއްފަހަރާ ބޭނުންކޮށްގެން ވީޑިއޯ ކުރެވޭ "ޑުއަލް ރެކޯޑިން" ފީޗާ ފާހަގަކޮށްލެވެއެވެ. ޑިވައިސްތަކުގެ ގުޅުންތަކާއި ސިއްހީ ކަންކަމަށް ވެސް މި އަޕްޑޭޓުގައި ވަނީ އަހައްމިއްޔަތުކަން ދީފައެވެ. އެގޮތުން އެޕަލް ޑިވައިސްތަކަށް ކުއިކް ޝެއާ ކުރެވޭ ނިޒާމު ރަނގަޅުކޮށް، ސެމްސަންގް ހެލްތު މެދުވެރިކޮށް ވޯކްއައުޓްތައް ހިއްސާކުރެވޭ ގޮތް ވަނީ ހަދާފައެވެ. އަދި ސެކިއުރިޓީގެ ގޮތުން ވައްކަމުން ރައްކާތެރިވުމަށް "ތެފްޓް ޕްރޮޓެކްޝަން" އާއި ޕްރައިވެސީ އެލާޓްތައް ވަނީ އިތުރުކޮށްފައެވެ. ސެމްސަންގުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވެސް މި އަޕްޑޭޓް ރަސްމީކޮށް ދޫކުރަން ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ