ބޭންކުން ވިޔަފާރިތަކަށް ވިއްކި ޑޮލަރުގެ އަދަދު އިތުވެފައިވާ ކަމަށާއި އެއިން ދޭހަވަނީ ވިޔަފާރި ރަނގަޅުކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާތީ، އެކަމާ ގުލިގެން ކުދި ވިޔަފާރިތަކަށް ސަރުކާރުން ހޯދައިދޭ ލުއިތަކަކީ ކޮބައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވަނީ ބީއެމްއެލް އިން އާންމުކޮށްފައިވާ ޑޮލަރާއި ޓީޓީ ވިއްކި އަދަދުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވައިފަ އެވެ.
ތަފްސީލް - ސައީދު ވިދާޅުވީ ބޭންކުން ވިޔަފާރިތަކަށް ޑޮލަރު ވިއްކި މުއާމަލާތްތައް މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އެ އިތުރުވުން އަންނާނީ ވިޔަފާރި ވެސް އިތުރުވާތީ ކަމަށެވެ.
"ސޭމް ޖާނަލިސްޓު ބައެއް ފަހަރު އެބަ އައްސަވާ ވިޔަފާރި ދަށަށް ދާ ވާހަކަ ވެސް،" އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ ވިޔަފާރިތައް ކުރިއަރަނީ. ޑޮލަރު ބޭނުންވާ ނިސްބަތް އިތުރުވަނީ. ޑޮލަރުގެ މުއާމަލާތްތައް އިތުރުވަނީ. ދެން ޑޮލަރު ލިބޭ ފްލޯގައި ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރި ކަމަށް ވަންޏާ، އިތުރު ޑޮލަރު ބޭނުން ވަންޏާ އެއީ ނެޗުރަލް ކަމެއް. އެ ބޭފުޅުންނަށް އިތުރު ޑޮލަރު ހޯދައިދޭން ޖެހޭނީ."
ގުޅުން ހުރި - ބީއެމްއެލް އިން މިދިޔަ ހަފްތާގައި އާންމުކުރި ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް މި އަހަރު ތެރޭ 296 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. މިދިޔަ އަހަރު ތެރޭ ޖުމްލަ ވިއްކީ 566 މިލިއަން ޑޮލަރެވެ. އެގޮތުން:
މި އަހަރުގެ ތެރޭ އޭޕްރީލްގެ ނިޔަލަށް މަހަކު އެވްރެޖުކޮށް 74 މިލިއަން ޑޮލަރު ވިއްކި؛ މިދިޔަ އަހަރު އެ އަދަދު ހުރީ 47 މިލިއަން ޑޮލަރުގައި
މީގެ އިތުރުން ޑެބިޓް/ކްރެޑިޓް ކާޑުތަކަށް މިދިޔަ މަހުގެ ނިޔަލަށް 160 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މިދިޔަ އަހަރު ވިއްކީ 390 މިލިއަން ޑޮލަރު ކަމަށް ބީއެމްއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
މި އަހަރު ތެރޭ އެވްރެޖުކޮށް މަހަކު 40 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށް ވިއްކި؛ މިދިޔަ އަހަރު އެ އަދަދު ހުރީ 33 މިލިއަން ޑޮލަރުގައި
މިދިޔަ މަހުގެ ނިޔަލަށް ޓީޓީއަށް 136 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މަހެއްގެ މައްޗަށް އެވްރެޖުކޮށް 34 މިލިއަން ޑޮލަރު ޓީޓީއަށް ވިއްކި ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މިދިޔަ އަހަރު ޓީޓީއަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކިއިރު، އެއީ އެވްރެޖުކޮށް މަހަކު 15 މިލިއަން ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ފާހަގަ ކުރެވޭ - ބޭންކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއަށް ވުރެ ބޭންކުން ވިއްކާ ބޭރު ފައިސާ އިތުރުވުމުގެ ސަބަބުން ބީއެމްއެލް އިން ވަނީ ދިވެހި ރުފިޔާގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތައް ދުވާލަކު ވަކި ބަޖެޓަކަށް ލިމިޓުކޮށްފަ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށް މަހަކު އީ-ކޮމާސް މުއާމަލާތްތަކަށް ކުރެވޭނެ އަދަދު ވެސް 30އަށް ވަނީ ލިމިޓުކޮށްފަ އެވެ.
ޑޮލަރު ވިއްކުން އިތުރުވުމުން ދޭހަވަނީ ވިޔަފާރި ރަނގަޅުކަން: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ