ޑޮކްޓަރުގެ އިރުޝާދަކީ އީދުގެ ކުރިން އިންފްލުއެންޒާ ވެކްސިންޖެހުން

މިދުވަސްވަރު އިންފްލުއެންޒާ ރޯގާ ގަދައަށް ފެތުރެމުންދާއިރު ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގެ ކުރިން، ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އިލްތިމާސްކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން ބުނި ގޮތުގައި، ވައިރަސްއަކުން ޖެހޭ މި ރޯގާ، މި ދުވަސްވަރު ދަނީ އިތުރުވަމުންނެވެ. އެހެންވެ، އެކަމަށް ސަމާލުވުމަށް އެތަނުން އެދިފައި ވެ އެވެ.
ޑރ. މުހައްމަދު އަލީ ވެސް ވަނީ އެކަމާ ގުޅޭ ގޮތުން އިރުޝާދު ދެއްވާފަ އެވެ.
ތަފްސީލް - މިދުވަސްވަރު އިންފްލުއެންޒާ ބަލި ވަރަށް ގިނަ ކަން ފާހަގަ ކުރައްވައި އޭނާ އެދިވަޑައިގެންނެވީ އީދު ބަންދުގެ ދެ ހަފުތާކުރިން އިންފްލުއެންޒާ ވެކްސިން ޖެހުމަށެވެ. 
"ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ނަގާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.
އީދު ބަންދުގެ ކުރިން ވެކްސިން ޖެހުމަށް އޭނާ އެދިވަޑައިގެންނެވީ އިންފްލުއެންޒާ ރޯގާއަކީ ފަސޭހަކަމާ އެކު ފެތުރޭ ބައްޔަކަށް ވެފައި، އީދު ބަންދު ފަދަ ހޭލަމޭލަ ދުވަސްވަރެއްގައި ބަލި ޖެހުން އިތުރުވެދާނެތީ އެވެ.
އެނގުން މުހިއްމު - އެޗްޕީއޭއިން ބުނި ގޮތުގައި، އިންފްލުއެންޒާ އާއި އާދައިގެ ރޯގާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް މިއީ ތަފާތު ދެ ވައިރަސްއަކުން ޖެހޭ ބަލިތަކެކެވެ. އާދައިގެ ރޯގާއަށް ވުރެ އިންފްލުއެންޒާއިން ކުރާ އަސަރު ބޮޑުވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ބަލީގެ އަލާމާތްތަކަކީ ހުންއައުމާ އެކު ރޯގާ ޖެހުމާއި ގައިގާ ރިއްސުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމެވެ. މި ބަލީގެ އެންމެ ނުރައްކާ ބޮޑު ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. އަދި ހަކުރުބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށެވެ.
އިންފްލުއެންޒާއިން ރައްކާތެރިވުމަށް:
ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
ބަލީގެ އަލާމާތް ހުރިނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުން
ސާފުތާހިރުކަމަށް ސަމާލުކަންދިނުމުން
ބަލިވެއްޖެ ނަމަ ގިނައިން ދިޔާ އެއްޗެހި ބުއިން އަދި ބަލި ބޮޑުވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
އިންފްލުއެންޒާއާ އެކު ޑެންގީ އަދި އަރިދަފުސް ރޯގާ ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ