ޑީޖޭއޭގެ އިސް ދެ ވެރިން ސަސްޕެންޑްކޮށްފި
ޝަރުއީ ދާއިރާގެ އިދާރީ މައި އޮފީސް، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިދާރީ އިސް ދެ މުވައްޒަފަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފިއެވެ. ބަލަމުންދާ މައްސަލައަކާ ގުޅިގެން، މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދެ ޑިރެކްޓާ ޖެނެރަލުން ކަމަށްވާ ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ އެވެ. މި މީހުންނަކީ، ދާދި ފަހުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާގެ އަރިސް ދެ މީހުންނެވެ. ދެ މީހުންވެސް ޝަރުއީ ދާއިރާގެ ވަޒީފާއާ ގުޅުނީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމަށް އަމްޖަދު އައްޔަން ކުރެއްވި ފަހުންނެވެ. https://sun.mv/220879 އަމްޖަދު، ޗީފު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމަށް އައްޔަންވުމަށް ފަހު، އިދާރާގެ އިސް ދެ މަގާމަށް ގެނައި ޒަކަރިއްޔާ އަދި އަހްމަދު ސަސްޕެންޑް ކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. ޒަކަރިއްޔާއަކީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ އެވެ. އޭނާއަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނެންޓް ސެކެޓްރީ އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް މުވައްޒަފުން ސަސްޕެންޑް ކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތައް ބިނާވެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ ގާނޫނާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ މައްޗަށެވެ. މުވައްޒަފަކާ މެދު ތަހުގީގެއް ހިންގަމުންދާ ވަގުތު މަސައްކަތަށް ނުކުމެ އުޅުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ފެންނަނަމަ، ސަސްޕެންޑް ކުރުމަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ދަށުން ކުރެވިދާނެ ކަމެވެ. އެކަމަކު، އެ ނިންމުން ނިންމޭނީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން ނުވަތަ ސުލޫކީ މިންގަނޑާ ހިލާފުވުން ނުވަތަ ކޮރަޕްޝަން ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުން ފަދަ ހާލަތެއްގައެވެ. ތަހުގީގެއްގެ މުއްދަތަށް ސަސްޕެންޑް ކުރާއިރު، އާންމު ގޮތެއްގައި މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމުގެ އިހުތިޔާރު އިދާރާއަށް އޮވެއެވެ. މިއީ އެ މުވައްޒަފަކަށް ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނަށް ބަލައި ނިންމާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ