ރާއްޖޭގެ ދެކުނުގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ޚާއްސަ ފޯރަމެއް މިމަހުގެ 14 އަދި 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މިއަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް މި މަހުގެ 13 އަދި 14 ގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކާއި، ދިނުމަށް ހަމަޖެހިފައިވާ އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ފޯރަމަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ގަސްތުކުރަނީ އެކަން ފެށުމަށްޓަކައި މިމަހުގެ އެއީ މި މޭމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަސް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މާލޭގައި ވިޔަފާރިކުރައްވާ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މިފޯރަމް ކުރިއަށްގެންދަން ގަސްތުކުރަނީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި ކަމާއި ގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި ހޯމްލޭންޑް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އިން ބައިވެރިވާނެކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ދެކުނުގެ ވިޔަފާރިވެރިންނަށް ޚާއްސަ ފޯރަމެއް އައްޑޫގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ