އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 4 ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ:
1- އަލްއުސްތާޛާ ފާޠިމަތު އަނޫލާ, ގަލޮޅު ވަޑިނޮޅުގެ2- އަލްފާޟިލާ މަރްޔަމް ޝިއުނާ، އައްޑުއަތޮޅު ހިތަދޫ ނެދުންގެ3- އަލްފާޟިލާ ޢާއިޝަތު ޢަބްދުﷲ، ފާދިއްޕޮޅު ހިންނަވަރު ރޯލްގޯލްގެ4- އަލްފާޟިލް ޢަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366
މި ބޭފުޅުންގެ ތެރެއިން ފާޠިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ.
އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.
ކޮމިޝަނަށް މިއަދު އައްޔަންކުރެއްވި މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމެވެ.
ޝިއުނާ އަންނަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
ކޮމިޝަނަށް އައްޔަން ކުރެއްވި ޢާއިޝަތު ޢަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަޤާމުގައެވެ. ޢާއިޝަތު ޢަބްދުﷲ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ޤައުމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް މިއަދު ޢައްޔަންކުރެއްވި ޢަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަޤާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.
މިރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ހަތަރު ބޭފުޅުންނާ ވަނީ ޙަވާލުކޮށްދެއްވާފައެވެ.
އޭސީސީގެ މެމްބަރު ކަމަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ