ކަނޑުއޮޅީގައި އެމެރިކާއިން ފަށާ އަސްކަރީ އޮޕަރޭޝަނަށް ފުރުސަތެއް ނުދޭނަން: އީރާން
ތެހެރާން (4 މެއި 2026): އީރާންގެ ހިސާރުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ ބޯޓުތައް އެތަނުން ނެރުމަށްޓަކައި ކަމަށް ބުނެ، އެމެރިކާ ފަށަން ތައްޔާރުވަމުންދާ އަސްކަރީ އޮޕަރޭޝަނަށް ފުރުސަތު ނުދޭނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ސިފައިންނާއި ރިވޮލިއުޝަނަރީ ގާޑުންގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ހެޑްކުއާޓަރު "ޚާތަމުލް އަންބިޔާއު"އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރުމުޒު ކަނޑުއޮޅިއަށް ވަދެ އެ ތަނުގައި އެމެރިކާ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ހިންގާނަމަ އެއީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށާއި އެފަދަ އޮޕަރޭޝަނަކަށް އީރާނުން ފުރުސަތު ނުދޭނެ ކަމުގައެވެ. ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ބިނާކޮށްފައިވާނީ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ސަރަހައްދަކަށް އަނެއް ފަރާތުން ގޯނާ ނުކުރުމުގެ މައްޗަށް ކަމަށާއި ހުރުމުޒު ކަނޑުއޮޅި އޮންނަނީ އީރާނުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ވުމުން މި ހާލަތު ބަދަލުވާނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް މި ބަޔާނުގައި ބުނެއެވެ. އީރާނުންވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރުން ދޫކޮށްލާނަމަ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ވެސް ވަގުތީ ގޮތުން އީރާނުން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. ނަމަވެސް، އެމެރިކާވަނީ މިކަމަށް ދެކޮޅު ހަދާފައެވެ. އެމެރިކާ ބޭނުންވަނީ އީރާނުގެ ބަނދަރުތަކުގެ ހިސާރު ބާއްވާފައި ހުރުމުޒު ކަނޑުއޮޅިއަށް އީރާން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ބާރުގެ ބޭނުންކޮށްގެން ނައްތާލުމަށެވެ. ހުރުމުޒު ކަނޑުއޮޅި އީރާނުގެ ސިފައިންނާއި ރިވޮލިއުޝަނަރީ ގާޑުންގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ހެޑްކުއާޓަރ "ޚާތަމުލް އަންބިޔާއު"އިން ނެރުނު ބަޔާނުގައިވަނީ މިކަން މިގޮތަށް ނުކުރެވޭނެކަން ހާމަކޮށް މިގޮތަށް ކަންކޮށްފިނަމަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ރޫޅިގެންދާނެކަން އެމެރިކާއަށް ހަނދާންކޮށްދީފައެވެ. އީރާނުގެ ބަޔާން ބުނާގޮތުން ހުރުމުޒު ކަނޑުއޮޅިއަކީ ކުރިން އެއްވެސް މައްސަލައެއް ނެތި ދަތުރުފަތުރުގެ މިނިވަންކަން އޮތްތަނެކެވެ. އެ ތަނަށް ހުރިހާ މައްސަލައެއް ދިމާވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ އަދި ޢުދުވާނީ ހަނގުރާމައިގެ ސަބަބަބުންނެވެ. އެހެންކަމުން ހުރުމުޒު ކަނޑުއޮޅިއަށް މިހާރު ކުރިމަތިވެފައިވާ ހުރިހާ މައްސަލައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި އިސްރާއީލެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީ އީރާނަށް ދިން ގެއްލުންތަކުގެ ބަދަލު ނުދޭނަމަ އެ ބަދަލު ހޯދުމަށްޓަކައި ހުރުމުޒު ކަނޑުއޮޅީގެ ބޭނުންކޮށް އެ ތަނުން ހުރަސްކުރާ ބޯޓުތަކުން ފީނަގައިގެން ބަދަލު ނުހޯދާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އީރާނުގެ މި ބަޔާނުގައި ބުނެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގެ އެއްވެސް މަގުސަދެއް ހާސިލުނުވެ، އެ ހަނގުރާމަ މެދުކަނޑާލަން އެމެރިކާއަށް މަޖުބޫރު ވެފައިވާއިރު ހަނގުރާމައަށް ފަހު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފެންމަތިވެފައިވަނީ އެ ހަނގުރާމައިގެ ކުރިން ފެންމަތިވެފައިނުވާ މައްސަލައެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅީގެ މައްސަލައެވެ. އީރާން އޮތީ އަލުން ހަނގުރާމަ ފެށަން ޖެހުނު ނަމަވެސް މި މައްސަލައިގައި ދޫދޭ ގޮތަކަށް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ