ޔުނިވަރސަލް ޕީރިއަޑިކް ރިވިއު، ޔޫޕީއާރުގެ ވަރކިންގ ގްރޫޕުގެ 52 ވަނަ ސެޝަން ފަށައިފިއެވެ.
މި ސެޝަން ކުރިއަށްދަނީ، ޖެނީވާގައި ހުންނަ އދގެ އޮފީސް ޕެލޭ ޑި ނޭޝަންސްގައެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން މި މަހުގެ 15އާ ހަމައަށް ކުރިއަށްދާނެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި އދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިވާ ޔޫޕީއާރު ވަރކިންގ ގްރޫޕުން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަން ކުރާނެ ކަމަށެވެ. އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބެލްޖިއަމް، ޑެންމާކް، އެސްޓޯނިއާ، ލެޓްވިއާ، މޮޒަމްބީކް، ނެމީބިއާ، ނިޖަރ، ޕަލާއު، ޕެރަގުއޭ، ސޭޝެލްސް، ސިއެރާ ލިއޯން، ސިންގަޕޫރު، ސޮލޮމަން އައިލެންޑްސް އަދި ސޯމާލިއާއެވެ.
ޔޫޕީއާރު ވަރކިންގ ގްރޫޕްގެ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތަށް ރިވިއު ކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކަށް ބިނާކުރަނިވި ލަފާ ހުށަހަޅާނެއެވެ.
ޔޫޕީއާރު ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވައެވެ. އެގޮތުން މިހާރު ހިނގަމުންދާ 52 ވަނަ ބައްދަލުވުމަކީ، 2022 ވަނަ އަހަރުން ފެށިގެން 2027ގެ ނިޔަލަށް ކުރިއަށްދާ ޔޫޕީއާރުގެ ހަތަރުވަނަ ރިވިއު ސައިކަލްގެ ބައެކެވެ. ޔޫޕީއާރަކީ، އދގެ މެމްބަރު ޤައުމުތަކުން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަން ކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. އަދި މިނިޒާމުގެ ތެރެއިން ރިވިއު ކުރާ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒު ކުރުމުގައި އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ.
މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މިވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެ ވަޑައިގަންނަވައެވެ.
ޔޫޕީއާރުގެ ވަރކިންގ ގްރޫޕުގެ 52ވަނަ ސެޝަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ