ރައީސް އިބްރާހީމްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތްތައް އިސްތިއުފާދޭންޖެހޭނަމަ ރައީސް އިބްރާހީމްވެސް ޖެހޭނީ އިސްތިއުފާދޭންކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރޭ ނިންމެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ކޯލިޝަން އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ދޭން ކަނޑައަޅާފައިވާ މިންވަރަށް، އަހުދުވެ ވައުދުވެފައިވާ ގޮތަށް ކަންތައްތައް ކުރެވުނުތޯ އެ ބޭފުޅުން އަމިއްލައަށް ސުވާލުކުރަން އެބަޖެހޭ" ރައީސް އިބްރާހީމްއަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވިއެވެ.
ޤާސިމު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހގައި ތިނަދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސަނީފް ވިދާޅުވީ މިއަދުން ފެށިގެން ރައީސް އިބްރާހީމް މަސައްކަތްކުރައްވަންޖެހޭ ކޯލިޝަންގެ ބައިވެރިއެއްކަމަށްވާ ޖޭޕީގެ ފަރާތުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން އެކަމަށް މަރުހަބާ ކިޔާކަމަށް ވިދާޅުވެ، މިއަދުން ފެށިގެން ސަރުކާރުގައި ތިބި ވަޒީފާތަކުން އިސްތިއުފާދޭން ގޮވާލާފައިވެއެވެ. ރައީސް އިބްރާހީމްގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެ ޖުމްހޫރީ ޕާޓީއިން ސަރުކާރުގެ ކެނޑިޑޭޓާއި ވާދަކުރަން ނިންމާ ހިސާބުން ރައްޔިތުންނަށް ހިދުމަތް ނުކޮށްދެވޭނެކަމަށާއި، އަހްލާގީގޮތުން ރީތި ގޮތަކީ އަމިއްލައަށް އިސްތިއުފާދިނުންކަމަށް ވެސް ސަނީފް ފާހަގަކުރިއެވެ. އަދި އެގޮތަށް އެކަން ނުކުރާނަމަ ސަރުކާރުގައި ތިބި ޖޭޕީގެ ހުރިހާ ފަރާތްތައް ވަކިކުރުމަށް ސަނީފް ގޮވާލާފައިވެއެވެ.
ސަނީދަށް ރައްުދުދެއްވައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެދިގެން ވަޒީފާ ދީފައިވަނީ ދިވެހިންނަށް ކަމަށެވެ. އަދި މި އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެއްވެސް ބޭފުޅަކު އިސްތިއުފާނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑުމެންގެ އެއްބަސްވުމުން ވަރަށް ރީތިކޮށް ޖާގަ ލިބޭ ޖުމްހޫރީ ޕާޓީ އަދި އެނޫންވެސް ޕާޓީއަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް. އަޅުގަނޑަށް ހީވަނީ ގިނަ ޕާޓީތަކެއް ހަދައިގެން ތިބުމުގެ ބޭނުމަކީވެސް އެއީހެން،" ޤާސިމް ވިދާޅުވިއެވެ.
އަދި ގިނަ ޕާޓީގެ މައްޗަށް އެކުލެވޭ ގޮތަށް ސިޔާސީ ނިޒާމު އިސްލާހުކުރީ ވާދަވެރިކަން ސިޔާސީ މަސައްކަތުގެ ތެރެއަށް ގެނައުމުގެ ސަބަބުން ރައްޔިތުންނަށް މަންފާތަކެއް ލިބުމަށްޓަކައި ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން ސިޔާސީ ޕާޓީއެއްގެ ފަސްބައިގައި އެލިގެން ސިޔާސީ މަންފާ ހޯދަން އުޅޭ ބަޔަކު ކޯލިޝަން ހަދައިގެން ތިބެދާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"އަބަދުވެސް ކޮންމެވެސް ޕާޓީއެއްގެ މޯހިރުން ނިކުމެގެން ކޮންމެވެސް ބަޔަކާ ގުޅިގެން ސިޔާސީ ޕޮޒިޝަންތަކެއް ހޯދަން އުޅުމަކީ ހަޑިހުތުރު ކަމެއް،" ޤާސިމް ވިދާޅުވިއެވެ. އަދި 2018 ގައި ކޯލިޝަން ހެދީ ގިނަ ސިޔާސީ ލީޑަރުންނަށް ވެރިކަމަށް ވާދަކުރެއްވޭނެ ހާލަތެއް ނެތުމުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ ޕާޓީން އިއްޔެ ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެނޑިޑޭޓެއް ނެރެ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކާއެކު އިންތިޚާބަށް ނިކުންނާށެވެ. އެ ނިންމުމާއެކު އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުގެ ބައެއް މީހުން އަންނަނީ ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރުގައި ތިބި މީހުން މަޤާމުތަކުން ވަކިކުރުމަށް ގޮވައިލަމުންނެވެ.
ޖޭޕީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދޭންޖެހޭނަމަ ރައީސް އިބްރާހިމްވެސް އިސްތިއުފާދޭންޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ