މަޖިލީހުގައި އަންހެންނުން މަދުވުމަކީ މައްސަލައެއް، މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރާނަން: ރައީސް
ގާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުން މަދުވުމަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް، އެންމެންގެ ޝާމިލުވުން އޮންނަ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ބައިންލައަގްވާމީ ގާނޫނުހަދާ މަޖިލީހުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 30ވަނަ ދުވަހެވެ. https://x.com/mmuizzu/status/1939518104448766202 ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ، ގުޑް ގަވަނަންސާއި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަޖިލީހުން އަދާކުރާ ދައުރު ބޮޑު ކަމަށެވެ. ނަމަވެސް، މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ބައިނަލްއަގްވާމީ އަދި ގައުމީ މައްސަލައެއް ކަމަށް އެމަނިކުފާނު ލިޔުއްވާފައި ވެއެވެ. "މަޖިލީހުގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް، ޝާމިލު މާހައުލަކަށް ހެދުމަށް ކުރާ މަސައްކަތް ފާހަގަކުރަން،" އެ ޕޯސްޓުގައި ވެއެވެ. ދުވަހާ ގުޅޭގޮތުން އެމަނިކުފާނު ދެއްވި މެސެޖުގައި ވަނީ މަޖިލީހުގެ ހަމަތަކުގެ ތެރެއިން، ރައްޔިތުންނަށް ނަޒާހާތްތެރިކަމާ އެކު ކޮށްދޭ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވައިލައްވާފައެވެ. މިހާރު އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ތިން އަންހެން މެމްބަރުންނެވެ. އެއީ: މާފްނަނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ސައުދާ މި ތިން މެމްބަރުން ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީއަށެވެ. މަޖިލީހުގައި އަންހެން މެމްބަރުން އިތުރުކުރެއްވުމަށް މަޖިލިސް އިންތިޚާބުގައި ރައީސް ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން، ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ހޮވޭ އަންހެން މެމްބަރުންނަށް ޕާޓީގެ ފަރާތުން އެލަވަންސެއް ދެއްވާނެ ކަމަށް ވެސް އޭރު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ