މެދުއިރުމަތީގައި މިހާރު ކުރިއަށްދާ އިޒްރޭލް-އީރާން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުމަށް ވުރެ އިދިކޮޅު އެމްޑީޕީން ގައުމަށް ދޭ ގެއްލުން ބޮޑު ކަމަށް، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު މިގޮތަށް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން:
އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާރު ހަމަތާއް ދޭން ފަށަފައިވާކަން ފާހަގަކުރައްވައި ކުއްލި މައްސަލައިގައި މީކާއިލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގެ އިތުރު ގައުމަތަކަށް މި ހަނގުރާމަ ފެތުރި، ދިގުލައިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް
އެއާ އެކު، ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ ސިނާއަތަކީ ޓޫރިޒަމް ކަމަށް ވެފައި، މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވެ، ރާއްޖެއަށް ނުހަނު ގެއްލުންތަކެއްވުން އެކަށީގެންވޭ
ކުއްލި މައްސަލައަށް ބަހުސް ކުރަން ފާސްވީ، ޕީއެންސީ މެންބަރުންގެ ވޯޓާ އެކު 45 މެންބަރުންގެ ތާއީދު ލިބިގެން؛ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ޕީއެންސީގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބަދުﷲ
ތަފްސީލު - މި މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވި ގޮތުގައި، އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތީ މުހިންމު، ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް ކަމަށް ވާތީ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ޒިންމާއަކީ އޭރެއްގެ އޮންނަ ސަރުކާރަށާއި ގައުމުގެ ފައިދާއަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން ކަންކުރަމުންދަނީ އެހެން ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އެމްޑީޕީއަކީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ ދައުލަތުން އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ލިބޭ ފައިސާއަށްވާ ގޮތެއް ނޭނގުނަސް. އެހެން ނަމަވެސް ހިތާމައެއް އެބައޮތް،" މިއަހަރުގެ ބަޖެޓުން 13 މިލިއަން ރުފިޔާ ލިބުނު އަދި އެންމެ ގިނަ މެންބަރުން މިވަގުތު ތިބި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފަލާހު ވާދަވެރި އެމްޑީޕީއަށް ނިސްބަތްކުރައްވައި ވިދާޅުވި އެވެ.
އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން 70،000އެއްހާ މެންބަރުންނާ އެކު އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ އެވެ. އަދި އެމްޑީޕީގައި މިވަގުތު ތިބީ 43،000އެއްހާ މެންބަރުންނެވެ. އެ ޕާޓީއަށް މިހަރުގެ ބަޖެޓުން ލިބުނީ 8.5 މިލިއަން ރުފިޔާ އެވެ.
ފަލާހުގެ ވާހަކަ ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ "ހިތާމައަކީ މި ހަނގުރާމައަށް ވުރެ ގައުމަށް އެމްޑީޕީން ދޭ ގެއްލުން ބޮޑުކަން" ކަމަށެވެ.
ކުއްލި މައްސަލައިގައި ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ޓޫރިޒަމަށްކަން ފާހަގަކޮށްފައިވާއިރު، ހިތާމަކީ އެމްޑީޕީން އަބަދު ވެސް ގައުމަށް ގެއްލުންދޭން މަސައްކަތް ކުރަން "އަމާޒު ހިފަނީ ޓޫރިޒަމް ދާއިރާއަށް ހަމަލާ ދިނުމަށް" ކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ އިޝާރާތް ކުރެއްވީ 2012ގައި އެމްޑީޕީގެ ވެރިކަން ވެއްޓުމާ އެކު، "ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް" އެމްޑީޕީން ކުރި މަސައްކަތްތަކަށެވެ.
"އެނގިވަޑައިގަންނަވާނެ އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުން. 2012ގައި ސަބަބުތަކެއް މެދުވެރިގެން ވެރިކަން ދޫކޮށްލާފައި އޭުރުގެ ރައީސް [މުހައްމަދު ނަޝީދު] ވަޑައިގެންނެވި ފަހުން، ޔޫރަޕްގެ އެކި ގައުމުތަކަށް އެމްޑީޕީގެ ވެރިން ދަތުރުކޮށް، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކޮށް، ރާއްޖޭގެ ބައެއް ރިސޯޓުތަކަށް އެމްޑީޕީގެ ފަރާތުން ބޭފުޅުން ފޮނުވައި އެ ތަންތަނުގައި ހުރި ޓޫރިޒަމް ހިދުމަތްދޭ ތަންތަން ބަންދުކޮށް، އެ ތަންތަނަށް ފުލުހުންނާއި ސިފައިން އަރުވައި މި ދަރަޖައަށް އެމްޑީޕީން ދުއްވާލި،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މެދުއިރުތަމަތީ ހަނގުރާމައިގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް މިހާރު އޮތް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. "ރައީސްގެ ލަފާގެ މަތިން" ކަމާ ގުޅުން ހުރި ވަޒީރުން މިކަން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ އަކީ ވަރަށް ސީރިއަސްކޮށް، ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް. މިފަދަ ކަމެއްގައި ދިވެހި ރައްޔިތުންނަށް އަދި މި ގައުމަށް ދަތި ނުވާނެ ގޮތަށް ހުރިހާ ކަމެއް އެ މަނިކުފާނު ބައްޓަން ކުރައްވާނެކަން އެއްވެސް ޝައްކެއް ނެތް،" ފަލާހު ވިދާޅުވި އެވެ.
މެދުއިރުމަތީ ހަނގުރާމައަށް ވުރެ އެމްޑީޕީން ދޭ ގެއްލުން ރާއްޖެއަށް ބޮޑު: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ