ޖެންޒީންގެ 'ފްރިޖް ސިނގިރޭޓް'ގެ ހަގީގަތަކީ ކޮބާ؟
މި ފަހަކަށް އައިސް ޓިކްޓޮކްގައި 'ފްރިޖް ސިނގިރޭޓް'ގެ ނަމުގައި ޒުވާނުން އެކި ކަހަލަ ފިޒީ ބުއިންތައް ބޭނުންކުރަމުން އަންނައިރު މި ބުއިންތަކުގެ ހަގީގަތާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މި ބުއިންތައް ހިމެނޭ ވީޑިއޯތައް ވައިރަލްވާން ފެށުމާ އެކު އޭގެ ސަބަބުން ސިއްހީގޮތުން ޒުވާނުން ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށް ވެސް ބައެއް މީހުން އަންނަނީ އަންދާޒާ ކުރަމުންނެވެ. މި ޒަމާނުގެ ޖެންޒީ ކުދިން އެ ކުދިންގެ ސްޓްރެސް ފިލުވުމުގެ ނަމުގައި "ފްރިޖް ސިނގިރޭޓް"ގެ ނަންދީގެން ތައްޔާރުކުރާ މި ބުއިންތަކަކީ ހަގީގަތުގައި އެއްވެސް ކަހަލަ ނިކޮޓިންގެ މާއްދާއެއް އޭގައި ހިމެނޭ ބުއިމެއް ނޫނެވެ. ސިނގިރޭޓްގެ ނަން ކީ ނަމަވެސް, ނުރައްކާތެރި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މި ބުއިމާ އެއްވެސް ގުޅުމެއް ނެތެވެ. މީގެތެރޭގައި އެކި ކަހަލަ ފިޒީ ބުއިންތައް ހިމެނޭއިރު ޑައިޓް ކޯކް ވެސް ބޭނުންކުރާ ޒުވާނުން މަދެއް ނޫނެވެ. މި ބުއިން ތައްޔާރު ކުރަނީ ބޭނުންވާ ކަހަލަ ފިޒީ ބުއިމަކަށް ގިނަ އަދަދަކަށް އައިސް އަޅައިގެން ނުވަތަ ވަރަށް ގިނައިރު އައިސް އަލަމާރީގައި އެ ބުއިމެއް ބަހައްޓައި, ވަރަށް ފިނިކޮށްގެންނެވެ. ފިޒީ ބުއިންތައް އައިސް އަލަމާރީގައި ރައްކާކޮށް ބުއިމަކީ މިހާރުގެ ޒުވާނުންގެ މެދުގައި އާއްމުވަމުން އަންނަ ޓްރެންޑެއް--ފޮޓޯ/ހެޕިއެސްޓްހެލްތު ވަރަށް ގިނަ ޖެންޒީ ކުދިން ބުނެފައިވާ ގޮތުގައި މިފަދަ ބުއިމެއް ބޯލުމުން, ދުންފަތުގެ އިސްތިއުމާލުނުކޮށް, ހަމައެކަނި އޭގެ ބޮކިތަކުން ހިތަށާއި ސިކުނޑިއަށް ހަމަޖެހުން ގެނެސް 'މެންޓަލް ރެސްޓެއް' ހަށިގަނޑަށް ލިބެއެވެ. މިކަމާ ގުޅިގެން އިންޑިއާގެ ކެޑަބެމްސް ހޮސްޕިޓަލުގެ ސީނިއަ ސައިކޮލޮޖިސްޓް އަދި އެގްޒެކެޓިވް ޑައިރެކްޓަރު ނެހާ ކަޑަބަމް އިންޑިއަން އެކްސްޕްރެސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، 'ފްރިޖް ސިނގިރޭޓް'އަކީ މިފަހަކަށް އައިސް ވަރަށް ގިނަ ޒުވާނުން ނުވަތަ މިޒަމާނުގެ ގޮތަށް ނަމަ ޖެންޒީ ކުދިންގެ މެދުގައި މަގުބޫލު ބުއިމެއް ކަމަށެވެ. ހާއްސަކޮށް ނަފުސާނީ ވަރުބަލިކަން ތަޖުރިބާކުރާ ކުދިންގެ މެދުގައި މި ބުއިން މަގުބޫލުކަމަށް އޭނާ ވިދާޅުވިއެވެ. ސިކުނޑިއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކަށް "ފްރިޖް ސިނގިރޭޓް"ގެ ބުއިމުގެ ސަބަބުން ނަފުސާނީ ބަލިކަށިކަން ތަހައްމަލުކުރަމުން އަންނަ ކުދިން ހަގީގީ ފަރުވާއިން އެކަހެރިވާން ފުރުސަތު ލިބޭ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައި--ފޮޓޯ/ސަދަންޓައިޑިންގްސް އާއްމުކޮށް މިފަދަ އާދަތަކުގެ ނިވަލުގައި ކުދިން ތިބެން ބޭނުންވަނީ ތަޖުރިބާކުރަމުންދާ ނަފުސާނީ ބަލިކަށިކަމަށް ވަގުތީ ހައްލެއް ލިބޭކަމުގެ އުއްމީދުގައެވެ. އެއީ ވަގުތީ ގޮތުން ތިމާ ތަހައްމަލުކުރަމުންދާ ކަމެއް ހަނދާންނެތޭތީ އެ ލިބޭ ހިތްހަމަޖެހުން ހޯދުމަށް ކަމަށް ވެސް ޑރ.ނެހާ ވަނީ ވިދާޅުވިއެވެ. އާއްމުކޮށް ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަމާއި ހާސްކަން ފިލުވާލުމަށް ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށާއި އެފަދަ މީހުން ދައުވާ ކުރަނީ ވެސް ސިނގިރޭޓެއް ބުއިމުން ހިތަށް ހަމަޖެހުމެއް ލިބޭ ކަމަށް ކަމަށް ސައިކޮލޮޖިސްޓް ނެހާ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މިފަދަ އާދަތަކުގެ ސަބަބުން ނަފުސާނީ ބަލިކަށިކަން ތަހައްމަލު ކުރަމުންދާ މީހުންނަށް ލިބެންޖެހޭ ހަގީގީ ފަރުވާއަށް ހުރަސްތަކެއް އެޅި އެ ފަރުވާއިން މަހުރޫމުވާ ކަމަށް ނެހާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރު ޓްރެންޑްވެފައިވާ 'ފްރިޖް ސިނގިރޭޓް' ބުއިން ބޭނުންކުރަނީ އެންމެ ރަނގަޅު ގޮތެކޭ ބުނެވެން ނެތް ކަމަށް ސައިކޮލޮޖިސްޓް ނެހާ ވަނީ ވިދާޅުވެފައެވެ. އާއްމުކޮށް ބާޒާރުން ލިބެން ހުންނަ ދަޅުގައި ބަންދުކޮށްފައި ހުންނަ ސޮޑާ ބުއިންތަކަކީ ހަކުރުގެ މާއްދާ އޭގައި ނުހުންނަ ކަމަށް ލޭބަލްކޮށްފައި ހުންނަ އުފެއްދުންތައް ނަމަވެސް ފޮނި ރަހަ ގެނެސްދިނުމަށް އެ އުފެއްދުންތަކުގައި ހުންނަ އާޓިފިޝަލް މާއްދާތަކުގެ ސަބަބުން މެޓަބޮލިޒަމް އަދި ގަޓް ހެލްތަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ނެހާ ވަނީ ވިދާޅުވެފައެވެ. ވަގުތީ އުފަލަކަށް މިފަދަ ބުއިންތައް ބޭނުންކުރުމުގެ ބަދަލުގައި އެކަމުން ހަށިގަނޑަށް ލިބިދާނެ ގެއްލުމާމެދު ޚާއްސަކޮށް ޒުވާނުން ހޭލުންތެރިވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށް ކެޑަބެމްސް ހޮސްޕިޓަލުގެ ސީނިއަ ސައިކޮލޮޖިސްޓް ވަނީ އިރުޝާދު ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ