ފިލްމީ އާއިލާއެއްގެ ދެ ޒުވާނުން ބޮޑު ކުރިމަތިލުމަކަށް

ދާދިފަހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ދެ ޒުވާނުން ކަމަށްވާ އަގަސްތިޔާ ނަންދާއާއި ޖުނައިދު ޚާންގެ ދެ ފިލްމެއް އެއް ތާރީޚެއްގައި ރިލީޒްކުރާގޮތަށް ނިންމައިފިއެވެ. ފިލްމު "ދަ އާޗީސް"އިން އެކްޓިންގް ކެރިއަރު ފެށި ބައްޗަން އާއިލާއަށް ނިސްބަތްވާ އަގަސްތިޔާގެ ފުރަތަމަ ތިއޭޓަރު ފިލްމު "އިއްކީސް" ކުރިން ރިލީޒްކުރަން އޮތް ތާރީޚަށް ބަދަލު އައުމާ ގުޅިގެން އެ ފިލްމު މި އަހަރުގެ ނޮވެންބަރު މަހު ރިލީޒްކުރަން ވަނީ ނިންމާފައެވެ. މި ފިލްމު ރިލީޒްކުރާ ތާރީޚަކީ ބޮލީވުޑް އެކްޓަރު އާމިރު ޚާންގެ ދޮށީ ދަރިފުޅު ޖުނައިދު ޚާންގެ ފިލްމު "އޭކް ދިން" ވެސް ސިނަމާތަކަށް ގެންނަ ތާރީޚެވެ. އެހެންކަމުން ނޮވެންބަރު މަހު ފިލްމީ އާއިލާއަކަށް ނިސްބަތްވާ ދެ ޒުވާނުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދޭނެ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. ދިނޭޝް ވިޖަންގެ މެޑްޑޮކް ފިލްމްސްއިން ގެނެސްދޭ ފިލްމު "އިއްކީސް" އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ މި އަހަރުގެ އޮކްޓޯބަރު މަހުއެވެ. ފިލްމު "އޭކްދިން"ގެ ލީޑް ތަރިން ކަމަށްވާ ސައި ޕައްލަވީ އަދި ޖުނައިދު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ ނަމަވެސް، އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލާ ދިމާކޮށް ފިލްމު ރިލީޒްކޮށްފިނަމަ ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުސަތު ލިބޭނެކަމަށް ބަލައި އެ މަހު ފިލްމު ރިލީޒްކުރަން މެޑްޑޮކް ފިލްމްސްއިން ނިންމީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނޫނަސް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހަކީ ދަރުމާއިން ގެނެސްދޭ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ އިތުރުން ކަންނާޑާ ފިލްމު "ކަންތާރާ" ވެސް ސިނަމާތަކަށް ގެންނަ ތާރީޚެވެ. މި ތާރީޚުތަކާ ދިމާކޮށް އަގަސްތިޔާގެ ފިލްމު ރިލީޒްކޮށްފިނަމަ ފިލްމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެކަމުގެ ބިރު ހީވެފައި އޮތުމުން މެޑްޑޮކް އިން އެފިލްމު ރިލީޒްކުރުން ފަސްކުރަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ޕްރޮޑަކްޝަން ޓީމުން ވެސް ވަނީ ބުނެފައެވެ. ކޮންމެ އަކަސް ނޮވެންބަރު މަހު ރިލީޒްކުރާ ދެވަނަ ފިލްމު "އޭކް ދިން"އަކީ ޖުނައިދުއާ އެކު ސައުތު ބަތަލާ ސައި ޕައްލަވީ ލީޑް ރޯލުން ފެންނާނެ ފިލްމު ކަމަށް ވުމުން މި ދެ ފިލްމުން ކުރި ހޯދާނެ ފިލްމަކާ މެދު ގިނަ ބަޔަކު އަންނަނީ ބަހުސް ކުރަމުންނެވެ. ސަބަބަކީ ބަތަލާ ސައި ޕައްލަވީ އަކީ އިންޑިއާގެ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާއަކަށް ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ