ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތް އޮގަސްޓް 21 އަދި 22ގައި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތް އޮގަސްޓް 21 އަދި 22 ވަނަ ދުވަހު ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ދިރާގު މާލޭ އޯޕަން" ސްވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި މުބާރާތާއި ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މަކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ސްވިމް މޯލްޑިވްސްއާ ގުޅިގެން "ދިރާގު މާލެ އޯޕަން" ސްވިމިން ކޮމްޕެޓިޝަންގެ ތިން ވަނަ މުބާރާތް އިއުލާނު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ފަދަ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ކުޅިވަރުގެ ޒަރިއްޔާއިން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދިނުން. މީގެ އިތުރުން، ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލަށް ބަލާއިރު ފަތަން ދަސްކުރުމަކީ ވަރަށް މުހިންމުކަމަށް ވާތީ، ފެތުމަށް ހިތްޖެއްސުމާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މަކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި އެވެ.
ސްވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް ވިދާޅުވީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ބާރުމިނެއްގައި ކުރިއަރަމުން ދިއުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ.
"ވޭތުވެ ދިޔަ އަހަރު ބޭއްވި "ދިރާގު މާލެ އޯޕަން" ގެ ކާމިޔާބީއާއި، މުޅިން އަލަށް ރާއްޖޭގައި ބޭއްވި "އޯޝަންމޭން މޯލްޑިވްސް" މެދުވެރިކޮށް ރާއްޖޭގައި މި ވަނީ މި ކުޅިވަރު ކުރިއެރުވުމަށް ވަރުގަދަ ބިންގަލެއް އެޅިފައި. މިއީ އަދި ފެށުމެއް. އަޅުގަނޑުމެން މި ތިބީ މި އަހަރުގެ މުބާރާތައް ކުރިއަށް ވުރެ ގިނަ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ފެތުންތެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް. އަޅުގަނޑުމެންގެ ތަސައްވުރަކީ "ދިރާގު މާލެ އޯޕަން" އަކީ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅިވަރު ހަރަކާތަށް ހަދައި، ބައިނަލްއަގުވާމީ ފެތުމުގެ ކަލަންޑަރުގައި މި މުބާރާތް ހިމަނައި، ބައިވެރިނުވެ ދޫކޮށްނުލެވޭފަދަ ޝައުގުވެރި މުބާރާތަކަށް ހެދުން،" ހުސައިން ޝަމީމް ވިދާޅުވި އެވެ.
މި މުބާރާތުގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ. އެ ގޮތުން ސްވިމް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް މި މުބާރާތުގައި ރަޖިސްޓާ ކުރެވޭނެ އެވެ.
ވޭތުވެ ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340 އަށްވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭގައި އުމުރުން ފަސް އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެ އެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ