"އަމިއްލަ ވިޔަފާރިތައް ހިންގޭ ފެންވަރަށް ޤައިދީން ތަމްރީނު ކުރަންޖެހޭ"

ޤައިދީން އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފެއްދައި މަސައްކަތް ބެލެހެއްޓޭ ފެންވަރަށް ތަމްެރީނުތައް ދިނުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްރެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަލު އޮފިސަރުންނާ ޤައިދީން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް އެ ޖަލަށް ކުރެއްވި ޒިޔާރަތުގައި އައު އޮފީސް އިމާރާތް ހުޅުވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމީއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްސް ހަސަން ޒަރީރު އަދި ދާޚިލީ ވުޒާރާގެ ދަށުން ހިންގާ އެކި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތަކީ، އައްސޭރި ޖަލުގެ ޤައިދީންނާއި، ޖަލު އޮފިސަރުން އަމިއްލަ މަސައްކަތުން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މީގެ ކުރީން އެ ޖަލުގައި ބޭނުން ކުރަމުން އައި 400 އެއްހައި އަކަފޫޓުގެ ތަންކޮޅެއްގައި ހުރި އޮފީސް އިމާރާތެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވިއެވެ. ނަމަވެސް އައު އިމާރާތަކެއް ޖާގަ ތަނަވެސްވެ މުވައްޒަފުންނަށް މަސައްކަތުތައި ލުއިތައް ލިބިގެންދާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވިއެވެ. އަދި މިތަން ތަރައްޤީކޮށްފައިވަނީ ކްލާސް ރޫމަކާއި މީޓިން ރޫމަކާއެކު އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދާޚީލީ ވަޒީރު ޢަލީ އިޙްސާން ވަނީ ޤައިދީން ކޮށްފައިވާ މަސައްކަތުގެ ފުރިހަމަކަން ފާހަގަކުރައްވާފައެވެ. އަދި މިމަސައްކަތުން ޤައިދީން އަދި ޖަލު އޮފިސަރުންގެ ފަންނުވެރިކަން ފެނިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ވަނީ މަސައްކަތްތެރިންގެ ފަންނުވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޤައިދީންގެ ހުނަރުތައް ތަރައްޤީކޮށް އަނބުރާ މުޖްތަމަޢަށް ޤައިދީން ނިކުންނައިރު ބައެއްގެ ދަށުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުނިތައް ހަދައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭ ފެންވަރަށް ޤައިދީން ތަމްރީނު ކުރަންޖެހޭކަމަށް ދަޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
"މިޖަލުގެ ސެންޓެންސް ނިންމާފައި މުޖްތަމަޢުއަށް ގޮސްފައި ބޭނުންވަނީ، ކޮންމެވެސް މީހެއް ކައިރީ ފަންނުވެރި މަސައްކަތް ކުރާކަށް ނޫން. އަޅުގަނޑުމެން ބޭނުންވޭ މި ބޭފުޅުންގެ އަމިއްލަ ކުންފުނިތައް އުފެދެން. މި ބޭފުޅުންގެ އަމިއްލަ ފަންނުން، ލީޑު ކުރާ ކޮންޓްރެކްޓް ގްރޫޕްތައް ފެންނަން. އަޅުގަނޑު އެދެން ތިބޭފުޅުން އެފަދަ ޕްރޮގްރާމްތައް ޑިޒައިންކޮށްގެން މިހާރު މަސައްކަތުގެ ފަންނާއި ހުނަރު މެނޭޖް ކުރާނެ ގޮތާއި، ޕްރޮޖެކްޓްތައް މެނޭޖް ކުރާނެ ގޮތާއި، އެއަށް އެއްޗެހި ސޯސް ކުރުމާއި ފައިސާ މެނޭޖް ކުރުމާއި ކަންކަން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކިޔާދިނުމަށް" ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު އައްސޭރި ޖަލަށް ކުރެއްވި ޒިޔާރާތުގައި، އައްސޭރި ޖަލުގެ އައު ބަދިގެ އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ. ބަދިގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ، ވަޒީރު އިޙްސާން އަދި ކޮމިޝަނަރ ހަސަން ޒަރީރުއެވެ. މިއީ މިވަގުތު ޖަލުގެ ކެއިން ބުއިމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިމާވާ ދަތިިތައް ހައްލުކުރުމަށް ތަރައްޤީ ކުރެވޭ އިމާރާތެކެވެ.
ވަޒީރުގެ ޒިޔާރާތުގެ ތެރެއިން ޤައިދީން ފުރިހަމަ ކުރި ދެ ޕްރޮގްރާމެއްގެ ސެޓްފިކެޓްވެސް ޤައިދީންނަށް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ރޯދަ މަހާ ދިމާކޮށް ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދެވުނު އަވަސް ވެގެންނާށެވެ، 1447 ޕްރޮގްރާމާއި ކާދު 100 ޕްރޮގްރާމުގެ ބައިވެރިވި ޤައިދީންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. އަވަސްވެގެންނާށެވެ، ޕްރޮގްރާމު 36 ޤައިދީއަކު ވަނީ ފުރިހަމަކޮށްފައެވެ. އަދި ކާދު ޕްރޮގްރާމް 5 ޖަލު އޮފިސަރުންނާއި 24 ޤައިދީން ފުރިހަމަކޮށްފައިވެއެވެ.
މީގެ އިތުރުން ކަރެކްޝަންސް އިންސްޓިޓިއުޓް ކުރިއަށް ގެންދާ ޤިރާތު ސެޓްފިކެޓް 1 ކޯސްވެސް ވަނީ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި އިފްތިތާޙްކޮށްފައެވެ. މި ކޯހުގައި 35 ޤައިދީން ވަނީ ބައިވެރިވެވައެވެ.
ދާޚިލީ ވަޒީރު އައްސޭރި ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ޖަލުގެ ޤައިދީންގެ މެދުގައި ކުރިއަށް ގެންދާ ފުޓްސް މުބާރާތް ފައްޓަވައިދެއްވިއެވެ. މި މުބާރާތުގައި ޤައިދީންގެ 7 ޓިމެއް ބައިވެރިވެއެވެ. މިއީ ޤައިދީން ދުޅަހެޔޮކަމާއި އިޖްތިމާޢީ ގުޅުން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ