ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަކަށް 44 މިލިއަން ދިން މައްސަލަ އަވަސްކުރަން ޕީޖީއިން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުގީގުތައް އަވަސްކުރުމަށް ޕީޖީ އޮފީހުން ފުލުހުންގެ މުއައްސަސާގައި އެދިފިއެވެ.
ޕީޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަމަށްވާ ނޯޓު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓާއި ގުޅިގެން 2023 ވަނަ އަހަރު 44 މިލިއަން ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީއިން ބެލުމަށްފަހު ފުލުހުންގެ މުއައްސަސާގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
މި މައްސަލައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް މައްސަލައެއްކަމަށް އެ އޮފީހަށް ގަބޫލުކުރެވޭކަމަށްވުމުން، އިތުރު ސަމާލުކަމެއް ދީގެން ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެކަމަށް މައުލޫމާތު ދީފަިއވެއެވެ.
ޕީޖީ އޮފީހުންވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކާއި ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންވެސް މައްސަލައިގެ ތެރެއިން ތަހުގީގުކުރުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ