ވިސްލްބްލޯކުރުމަކީ، މައްސަލަ ހުށަހަޅާ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް، ހިމާޔަތް ލިބިގެން ކޮރަޕްޝަނާއި އެނޫންވެސް ޤާނޫނާއި ޚިލާފް އަމަލުތަކުގެ މަޢުލޫމާތު، ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމެވެ.
މިފަދަ ނިޒާމެއްގެ ބޭނުމަކީ ކޮރަޕްޝާނާއި ދުރުހެލި، ތަފާތުކުރުމެއް ނެތް ނިޒާމެއް ޤާއިމްކުރުމަށް ބާރުއެޅުމެވެ. ކާކުކަން ނޭނގޭގޮތަށް މިފަދަ މައްސަލަތައް ރިޕޯޓްކުރުމަކީ ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި، މައްސަލަ ހުށަހަޅާ މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓެއް އުފައްދާފައި ވަނީ 2019 ވަނަ އަހަރު އެކުލަވާލާފައިވާ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ޤާއިމްކޮށްފައިވާ މި ޔުނިޓަކީ މުހިންމު ޒިންމާތަކެއް އަދާކުރަންޖެހޭ އިދާރާއެކެވެ.
މި ޔުނިޓުގެ ޒިންމާއަކީ "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން ލިބިދޭ ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކުރުމާއި، ވިސްލްބްލޯކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ބަލައިގަތުމެވެ. ހަމައެހެންމެ، ތަހްޤީޤީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދީ، ހުށަހެޅޭ މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައް ކުރުމަކީ އެ ދާއިރާގެ މަސްޢޫލިއްޔަތެކެވެ.
ވިސްލްބްލޯކުރަން ބޭނުންވާ ފަރާތްތަކަށް ނުވަތަ މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއަދުވެސް މައްސަލަތައް ހުށަހަޅަން ޖެހިލުންވެއެވެ. މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވި ނަމަވެސް، ބައެއް އާއްމުންނަށް، ވިސްލްބްލޯކުރާ މީހުންގެ ރައްކާތެރިކަން ހަގީގަތުގައި ވެސް ކަށަވަރުކޮށްދެވޭތޯ ނުވަތަ ނޫންތޯ ސުވާލުއުފެދެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް، މަރިޔަމް ރިފްނާ ލަތީފް ވަނީ ވިސްލްބްލޯވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މިހާތަނަށް ކުރެވިފައި ވަނީ %100 ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަހަރުން އަހަރަށް ބަލާއިރު މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވަމުން ދާއިރު އެއްވެސް މައްސަލައެއްގައި އައިޑެންޓިޓީ ހާމަވެފައި ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ތަހުގީގީ އިދާރާއަކުން ވެސް އަދި ޔުނިޓުގެ ފަރާތުން ވެސް މައްސަލަ ހުށަހަޅާ. އެއްވެސް މަރުހަލާއެއްގައި އެއްވެސް މީހެއްގެ އައިޑެންޓިޓީއެއް މިހާތަނަށް އައިއިރު ހާމަވެފައެއް ނުވޭ." ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް، މަރިޔަމް ރިފްނާ ވިދާޅުވިއެވެ.
ވިސްލްބްލޯވަރުންގެ ގޮތުގައި ހުށަހަޅާ މިންވަރުތައް މިދިޔަ އަހަރު އިތުރުވެފައިވުމަކީ މި ނިޒާމަށް އޮތް އިތުބާރު ކުރިއަރަމުންދާކަމުގެ ހެއްކެކެވެ. މިދިޔަ އަހަރު ވިސްލްބްލޯވަރ ޔުނިޓަށް އެކަނި 58އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި މުޅި ނިޒާމަށް 108 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. މިއީ އޭގެ ކުރީގެ އަހަރުތަކާއި ބަލާއިރު ރަނގަޅުކުރިއެރުމެއްކަން އިދާރާތަކުން ފާހަގަކުރައްވައެވެ.
މިއަހަރު މައްސަލަތައް ހުށަހަޅާފައިވާ ގޮތުގެ ތަފްސީލް އަދި އިދާރާތަކުން ހާމަނުކުރި ނަމަވެސް މަހުން މަހަށް ބަލާއިރު މައްސަލަ ހުށަހަޅާ މީހުންގެ އަދަދު މަހުން މަހަށް މައްޗަށްދާކަން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހެޑް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މައްސަލަތައް ހުށަހެޅުމުގެ ޓްރެންޑާއި، މައްސަލަ ހުށަހެޅިމީހުން ހިމާޔަތްކުރުމުގެ ޓްރެކް ރެކޯޑަށް ބަލާއިރު، މައްސަލަތައް ހުށަހެޅުމުގައި ފަސްޖެހެންވީ ސަބަބެއް ނެތެވެ. އަމިއްލަ ކޯޕަރޭޓްތަންތަން ހިމެނޭހެން އެއްވެސް ތަނެއްގައި ނޭދެވޭ ޢަމަލެއް ހިނގާނަމަ ލަސްނުކޮށް އެކަމެއް ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ނުވަތަ އެ ތަނެއްގައި ޤާއިމްކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމެޓީއަށް ހުށަހެޅުމަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުގެ ވަރަށް ބޮޑު އިލްތިމާސްއެކެވެ.
އެގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްގެ ރައީސާ ޑރ.އާއިޝަތު ރަމީލާ ވަނީ ކޮރަޕްޝަނާއި ނުރަނގަޅު އަމަލުތައް ހާމަކުރުމަކީ ޒިންމާދާރު ނިޒާމެއް ޤާއިމްކުރުމަށް ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. ޑރ.ރަމީލާ ވަނީ، ވިސްލްބްލޯވަރުންގެ މަސައްކަތަކީ އަގުހުރި ޤައުމީ ޤުރުބާނީ އެއްކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަދަ ފަރާތްތައް ހިމާޔަތްކުރުމުގައި ވިސްލްބްލޯވަރސް ޕްރޮޓެކްޝަން ޔުނިޓުން ފުރިހަމައަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ޑރ.ރަމީލާ ވަނީ ދެއްވާފައެވެ.
މުޅި ޤައުމުގެ މަސްލަހަތަށްޓަކާ ގައުމުގައި ހިނގާ ނުރަނގަޅުކަންކަން ބެލުމަކީ އެންމެންގެ ޒިންމާއަކަށް ހެދުން މުހިންމެވެ. ކޮރަޕްޝަނާ ދެކޮޅަށް ޢާންމުން ހޭލުންތެރިކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރުމަށް އިދާރާތަކުން ކެނޑިނޭޅި މަސައްކަތްކުރާއިރު، މިފަދަ މައްސަލަަތައް ހުއްޓުވުމުގައި އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް އެބައޮތެވެ.
ވިސްލްބްލޯވަރުން ހިމާޔަތްކުރުމުގައި ރާއްޖޭގައި ކާމިޔާބު މާޒީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ