ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 4) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ އަތުން މިސްރުން ހޯދި ތާރީހީ މޮޅު، ފަލަސްތީނަށް ހާއްސަކުރާ ކަމަށް މިސްރުގެ ކޯޗު، ހޮސާމް ހަސަން ބުނެފި އެވެ.
މިސްރުން މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، މުބާރާތުގެ ތާރީހުގައި ވެސް މެޗަކުން މޮޅެއް ނުހޯދަ އެވެ. ވާދަކުރި ގްރޫޕްގައި މިސްރުން ކުޅުނު ތިން މެޗުގެ ތެރެއިން، ބެލްޖިއަމާއި އިރާނާ އެއްވަރުވިއިރު، ނިއު ޒީލެންޑް ބަލިކޮށް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދި އެވެ. އެ ދުވަހުގެ މެޗަށް ފަހު، މިސްރުގެ ކޯޗު ހޮސާމް އުޅުނީ ގައިގައި މިސްރު ދިދަ އޮޅާލައިގެންނެވެ.
އެކަމަކު، ރޭގެ މެޗުގައި އޮސްޓްރޭލިއާ އަތުން މިސްރުން ހޯދި ތާރީހީ މޮޅަށް ފަހު، ހޮސާމް އުޅުނީ މިސްރު ދިދަ އެކޭ އެއްގޮތަށް ފަލަސްތިނުގެ ދިދަ ވެސް ހިފައިގެންނެވެ.
މެޗަށް ފަހު، އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ކޯޗު ހޮސާމްއާ ވަނީ އެ ކަމާ ގުޅޭގޮތުން ސުވާލުތައް އަމާޒުވެފަ އެވެ.
"އަަހަރެން މި މޮޅު ހާއްސަކުރަން މިސްރުގެ މީހުންނާއި ފަލަސްތީނުގެ މީހުންނަށް ވެސް،" ހޮސާމް ބުންޏެވެ.
އޭނާ ބުނީ، މުސްލިމުންނަކީ އެއް އުންމަތެއްގެ ބައެއް ކަމަށާއި ފަލަސްތީނަކީ އަބަދުވެސް ވަރަށް ގާތްކޮށް މިސްރުން ދެކޭ ގައުމެއް ކަމަށެވެ. އަދި، ވޯލްޑް ކަޕް ފަދަ ދުނިޔޭގެ އެންމެންގެ ސަމާލުކަން ލިބޭ މި ވަރުގެ ހަރަކާތެއްގައި ފަލަސްތީނުގެ ހައްގުގައި ކުޑަ ނަމަވެސް ކަމެއް ކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބޭ ކަމެއް ކަމަށް ހޮސާމް ވަނީ ބުނެފަ އެެވެ.
މިސްރުން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި މި ފަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް ތާ އަބަދަށް ގެންގުޅޭނެ ކަމަށާއި އެ ހަނދާންތަކުގެ ތެރޭގައި، ފަލަސްތީނަށް ވެސް ޖާގައެއް އޮތުމަކީ ހޮސާމްގެ ވަރަށް ބޮޑު އެދުމެކެވެ. އެއީ، އޭނާ ފަލަސްތީނު ރަމްޒުކޮށްދޭ ދިދަ ހިފައިގެން އުޅުނު މައިގަނޑު ސަބަބު ކަމަށް.ވެސް ވަނީ ބުނެފަ އެވެ.
މިސްރުން މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ދެން ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާ އެވެ. މިއީ، ހުރިހާ ގޮތަކުން ބެލިޔަސް، ހަތް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ މިސްރަށާއި އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ހާއްސަ މެޗަކަށްވާނެ އެވެ.
މިސްރުގެ ކޯޗު ވޯލްޑް ކަޕްގެ ތާރީހީ މޮޅު ހާއްސަ ކުރީ ފަލަސްތީނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ