ބީއެމްއެލް ކާޑު މެޝިނަށް ދޫކުރާ ފައިނޭންސިން 5 ދުވަހުން ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފެސިލިޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވިޔަފާރިތަކަށް މި ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
މި ހިދުމަތަށް ގެނައި ބަދަލުތައް ތައާރަފްކުރީ މިހާރު ކުރިއަށްދާ ފައިނޭޝިއަލް އެކްސްޕޯގެ ތެރެއިން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ހިދުމަތް ތައާރަފްކޮށްދެއްވީ ބޭންކުގެ ޗެއަރމަން އަހުމަދު އަލީ ހަބީބެވެ.
މި ބަދަލުތަކާއެކު މިހާރު 5 ދުވަސް ތެރޭގައި ފައިނޭންސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މި ފެސިލިޓީގެ ދަށުން 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ވިޔަފާރިތަކުން ކާޑު މެޝިން މެދުވެރިކޮށް ކުރާ ވިޔަފާރީގެ މައްޗަށް ބިނާކޮށް، ވިޔަފާރި ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން (ވޯކިން ކެޕިޓަލް) އަވަސްކަމާއެކު ފޯރުކޮށްދިނުމަށް ތައާރަފްކުރި ހިދުމަތެކެވެ. މި ހިދުމަތުގައި އަހަރަކު 12 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއް ކަނޑައަޅާފައިވާއިރު، މިއީ 24 މަސްދުވަހުގެ އޯވަޑްރާފްޓް ފެސިލިޓީއެކެވެ.
މި ހިދުމަތަށް އެދި ހުށަހެޅުމުގައިވެސް ލުއިތަކެއް ދީފައިވާއިރު، ބޭންކަށް ދާންނުޖެހި އިންޓަރނެޓް ބޭންކިން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. އަދި 500،000 ރުފިޔާއަށް ވުރެ ދަށް އަދަދުތަކަށް އެދޭއިރު، ޓެކްސް ލިޔެކިޔުންތަކާއި ފައިނޭންޝިއަލް ރިޕޯޓުތައް ހުށަހަޅާކަށް ނުޖެހޭނެ އެވެ. މި ފެސިލިޓީގެ ދަށުން ނަގާ ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ލިބޭ މާޗަންޓް ސެޓްލްމަންޓްތަކުން އޮޓޮމެޓިކުން އުނިކުރާ ގޮތަށެވެ.
މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ "މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް" ކަމަށެވެ. އަދި ބޭންކުގެ މަގުސަދަކީ ފައިނޭންސިންގެ ސްކޯޕް ފުޅާކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ފެސިލިޓީއަށް ޝަރުތު ހަމަވާނީ ބީއެމްއެލްގެ މާޗަންޓް ހިދުމަތް ބޭނުންކުރާތާ މަދުވެގެން 6 މަސްވެފައިވާ، އަދި މަހަކު އެވްރެޖްކޮށް 20،000 ރުފިޔާގެ ވިޔަފާރި ކާޑު މެޝިން މެދުވެރިކޮށް ކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއް އޮވެގެން ނުވާނެ އެވެ.
މި ފައިނޭންސިން އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ބީއެމްއެލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންއަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
މި ޚިދުމަތަށް އެދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ