ނާޒިމް، ދާއިރާގެ ރައީސްކަމުން ވަކިކުރި ސަބަބު ސާފުކޮށްދޭން ޕީއެންސީން ދެކޮޅު ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި އަދި ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަކީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ކަމަށް ބުނި ނަމަވެސް، ނާޒިމް ވަކިކުރި ސަބަބު ސާފުކޮށްދޭން ޕީއެންސީން މިއަދު ދެކޮޅު ހަދައިފިއެވެ. ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅީ މިދިޔަ މަހުގެ 14ވަނަ ދުވަހެވެ. ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރުގައި ނާޒިމްގެ މައްޗަށް ތިން ތުހުމަތެއް ކޮށްފައިވެއެވެ. އެ ތުހުމަތުތަކަކީ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކެވެ. އެކަމަކު މިދިޔަ މަހުގެ 31ވަނަ ދުވަހު އޭނާ ވަކިކުރަން ތާވަލުކޮށްފައި އޮތް ޖަލްސާ ފަށަން ބައި ގަޑިއިރަށްވެފައި އޮއްވައި، ނާޒިމް ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. https://sun.mv/222663 އެއަށްފަހު، މި މަހު ފަސްވަނަ ދުވަހު ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ވަނީ ވަކިކޮށްފައެވެ. ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، ޕީއެންސީއަށް މިވަގުތު ފައިދާ ބޮޑީ ދާއިރާގެ ރައީސްކަމުން ވެސް ނާޒިމް ވަކިކުރުން ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން، ދާއިރާގެ ރައީސުންނަކީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުން ނަމަ، އެ މެންބަރުންނެވެ. ނަމަވެސް، ދާއިރާއެއްގެ ރައީސަކު ޕާޓީއަށް ގެއްލުންވާ ފަދަ ގޮތަކަށް އަމަލުކުރާކަން ޕީއެންސީގެ ލީޑާޝިޕަށް ފާހަގަވެއްޖެނަމަ، ދާއިރާގެ ރައީސް މަގާމުން ވަކިކުރުމުގެ އިޚްތިޔާރު ލީޑާޝިޕަށް ލިބިގެންވާ ކަމަށް، ގަވައިދުގައިވެއެވެ. https://sun.mv/222904 "އެހެންވީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އެމަނިކުފާނުގެ (ނާޒިމްގެ) އަމަލުތައް ހުރިގޮތުންނާއި ކަންތައްތައް ހުރިގޮތުން މިވަގުތު އެ ދާއިރާގެ (ޕީއެންސީގެ ދިއްގަރު ދާއިރާގެ) ރައީސްކަމުގައި އެމަނިކުފާނު ބެހެއްޓުމަށްވުރެ ޕާޓީއަށް ފައިދާ ބޮޑީ ވަކިކުރުން ކަމަށް، އެހެންވެ ވަކިކުރީ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީގެ މެންބަރުކަމުން ނާޒިމް ވަކިކުރުމުގެ އެއްވެސް މަސައްކަތެއް އަދި ނުކުރާ ކަމަށެވެ. ނާޒިމް ވަކިކުރި ސަބަބު ތަފްސީލު ކޮށްދިނުމަށް ތަކުރާރުކޮށް އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކުރީ އިތުބާރު ގެއްލިފައި ހުރި ބޭފުޅަކު ދާއިރާގެ ރައީސްކަމުގައި ހުރުމުން ޕީއެންސީއަށް ގެއްލުންވާނެ ކަމަށް ގަބޫލުކުރެވޭތީއެވެ. "ވަކި އަމަލުތަކެއް، މިހެންވެގެންނޭ ދަންނަވާކަށް އަޅުގަނޑު ނެތިން، އަޅުގަނޑުމެންނަށް، ލީޑާޝިޕަށް އިތުބާރު ނެތީމާ، ބައިވަރު ސަބަބުތައް ހުންނާނެތާ، މި ބައްދަލުވުމުގައި އަޅުގަނޑު ބޭނުމެއްނޫން އޭގެ ތަފުސީލަށް ދާކަށެއް، އަޅުގަނޑު މި ދެންނެވީ ލީޑާޝިޕަށް އެމަނިކުފާނުގެ އިތުބާރު ނެތިގެންނޭ އެ ދާއިރާގެ ރައީސްކަމުން ވަކިކުރީ،" އަބްދުއްރަހީމް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މަޖިލީހުގެ 23 މެންބަރަކާ އެކު، ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން ވޯޓެއް ނަގަން ތައްޔާރުވާތީ ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމަކު، އެ ތުހުމަތުތައް ޕީއެންސީން ދޮގު ކުރެއެވެ. އަދި، މަޖިލީހުގެ މެންބަރުން ތިބީ "ގަދަކޮށް" ސަރުކާރާ އެކުގައި ކަމަށް ޕީއެންސީން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އެހެންވިޔަސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ޕީއެންސީގެ މެންބަރުންތަކެއް ޕާޓީ ދޫކޮށް، ސަރުކާރާ ދެކޮޅަށް ނުކުންނަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ