ރައީސަށް ނިސްބަތްކުރައްވައި ޝައްމާން ދެއްކެވީ ދޮގު ވާހަކަތަކެއް: ތަރުޖަމާނު
ހިޔާނާތުގެ ކުށް ސާބިތުވެގެން މިއަދު ޖަލަށް ހުކުމްކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ރައީސް ޑރ، މުހައްމަދު މުއިއްޒުއާ ނިސްބަތްކޮށް ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ސަރުކާރުން ބުނެފި އެވެ.މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، 22 މާޗު 2025ގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ.މި މައްސަލާގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ:ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވަންނަމުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝައްމާން ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުވާނެކަން ޔަގީން ކަމަށެވެ. އެ ދައުވާތަކަކީ، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ ވާހަކަތަކެއްގެ ވާހަކަ ދެއްކެވެމުން، ރާވައިގެން އޭނާ ފްރޭމުކޮށް އަގުވައްޓާލުމުގެ ނިޔަތުގައި ކުޅެފައިވާ ސިޔާސީ ޑްރާމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.ޝަމްއާން ވިދާޅުވީ ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރު އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ގެންނެވި ކަމަށެވެ.އެ ގޮތުން ކޮންމެ ކޯޓާއަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫއެސް ޑޮލަރުގެ މަގުން މިކަން ކުރަމުންދާކަން ހެއްކާއެކު ރައީސަށް ހުށަހެޅުއްވި ކަމަށް ޝަމްއާން ވިދާޅުވި އެވެ. މި ވާހަކަތަކާ ގުޅިގެން ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް މުއިއްޒަށް ނިސްބަތް ކުރައްވައި ޝައްމާން ދެއްކެވި ވާހަކަތައް ދޮގުކުރައްވާފަ އެވެ.މަނީ ލޯންޑްރިން ދައުވާއާ ގުޅިގެން ޝަމްއާން 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން އަށް އަހަރަށް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ޝަމްއާން ދެ އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.މީގެ އިތުރުން ޝަމްއާން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ބިދޭސީ މީހާ އަތުން ފޭރުނު ފަސް ލައްކަ ރުފިޔާ ތިން މަސް ތެރޭގައި ރައްދުކުރުމަށްވެސް ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ