އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވުމުގެ ގަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ އަސްކަރީ ކެމްޕޭން ހުއްޓަވައިލެއްވުމަށް ނުވަތަ އިތުރު ފިޔަވަޅެއް އެޅުއްވުމުގެ ކުރިން ކޮންގްރެސްގެ ރުހުން ހޯއްދެވުމަށް ގޮވާލައި އެމެރިކާގެ ސެނެޓުން ގަރާރެއް ފާސްކޮށްފިއެވެ. މިއީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެއިން މިފަދަ ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ރައީސް ޓްރަމްޕް މި ގަރާރު ތަސްދީގު ނުކުރައްވާނެ ކަމަށް ބެލެވެއެވެ. އަންގާރަ ދުވަހު ސެނެޓުން މި ގަރާރު ފާސްކޮށްފައިވަނީ 50 ވޯޓު 48 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. މިއީ މި މަހުގެ ކުރީކޮޅު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ވެސް ފާސްކޮށްފައިވާ ގަރާރެކެވެ. މިއީ ހަނގުރާމައިގެ ބާރުތަކާ ގުޅޭ ގަރާރެއް އެމެރިކާގެ ކޮންގްރެސްގެ ދެ ގެއިން ފާސްކުރި ފުރަތަމަ ފަހަރެވެ. ސެނެޓުގައި ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް ނަމަވެސް، އެ ޕާޓީގެ ހަތަރު މެންބަރަކު ވަނީ ޕާޓީގެ ލައިނާ ޚިލާފަށް ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލޫއިޒިއާނާގެ ބިލް ކެސިޑީ، އަލަސްކާގެ ލީސާ މާކޯސްކީ، މެއިންގެ ސޫޒަން ކޮލިންސް އަދި ކެންޓަކީގެ ރޭންޑް ޕޯލްއެވެ. މީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ދެ މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު، ޑިމޮކްރެޓިކް ޕާޓީން ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ޕެންސިލްވޭނިއާގެ ޖޯން ފެޓާމަން އެކަންޏެވެ. ސެނެޓުގެ މައިނޯރިޓީ ލީޑަރު އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ޗަކް ޝޫމާ ވިދާޅުވި ގޮތުގައި، މިއީ އީރާނާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް ސެނެޓަށް ގަރާރެއް ހުށަހެޅި 10 ވަނަ ފަހަރެވެ. ޝޫމާ ވަނީ ޓްރަމްޕްގެ އަމަލުފުޅުތަކަކީ ތާރީޚީ ގޯހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އީރާނަށް އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ކުރިމަތިކުރުމަށް ޓްރަމްޕް ވައުދުވެވަޑައިގެންނެވި ނަމަވެސް، އޭގެ ބަދަލުގައި އެމެރިކާގެ ރައްޔިތުންނަށް ލިބުނީ އޮޅުންބޮޅުމާއި، ހަމަނުޖެހުމާއި، ބޮޑެތި ގެއްލުންތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/ގެޓީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާ ގުޅިގެން ޓްރަމްޕް އީރާނަށް ދެއްވި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދަށް ވަނީ ހަނގުރާމަ ފެތުރިފައެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި އީރާނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން ޖޫން 2025 ގައި ހިނގި ބާރަ ދުވަހުގެ ހަނގުރާމައިގައި ވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ތިން ތަނަކަށް ބޮމުގެ ހަމަލާ ދިނުމަށް ޓްރަމްޕް ވަނީ އަންގަވާފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި މި ހަމަލާތަކަކީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ. މިހާރު ސްވިޒަލޭންޑުގައި ކުރިއަށްދާ މަޝްވަރާތަކުގައި ޖޫން 17 ގައި އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން ދަނީ ވާހަކަދެކެވެމުންނެވެ. ނަމަވެސް އެމެރިކާގެ ބައިވެރިޔާ އިސްރާއީލުން ލުބުނާނަށް ހަމަލާދެމުން ދިއުމުގެ ސަބަބުން އެ އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުން ވަނީ މި ގަރާރުގެ ސަބަބުން ސްވިޒަލޭންޑުގެ މަޝްވަރާތަކުގައި ޓްރަމްޕްގެ ބާރު ކުޑަވެގެންދާނެ ކަމަށް އިންޒާރުދެއްވާފައެވެ. އިޑާހޯގެ ސެނެޓާ ޖޭމްސް ރިޝް ވިދާޅުވި ގޮތުގައި، މި ގަރާރު ފާސްވެއްޖެނަމަ އީރާނުން މަޝްވަރާތައް ދޫކޮށްލާނެއެވެ. އަދި މިއީ ހަމައެކަނި ރަމްޒީ ގަރާރަކަށް ވުމުން މީގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ރައީސް މިއަށް ސަމާލުކަން ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މި ގަރާރު ފާސްވުމުން ދައްކުވައިދެނީ ރައީސް އަސްކަރީ ބާރު ބޭނުންކުރެއްވުމާ ދެކޮޅަށް ކޮންގްރެސްގައި އޮތް ތާއީދު އިތުރުވަމުންދާ ކަމެވެ. ރޮއިޓާސް އަދި އިޕްސޯސް އިން އަންގާރަ ދުވަހު އާންމުކުރި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، މި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ 24 އިންސައްތަ މީހުންނެވެ. ހޮރްމުޒް ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ ފިޔަވަޅުތަކާއި އެމެރިކާގެ ރައްދު ހަމަލާތަކާ ގުޅިގެން ތެލާއި، ގޭހާއި، ގަސްކާނާ ފަދަ ޒަރޫރީ ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ އިތުރުން ނޮވެންބަރު މަހު އޮންނަ މިޑްޓާމް އިންތިޚާބާ ގުޅިގެން ރިޕަބްލިކަން ޕާޓީއަށް ވަނީ އާންމުންގެ ފިއްތުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ ގާނޫނުއަސާސީގެ ދަށުން ހަނގުރާމަ އިއުލާނުކުރުމުގެ ބާރު ލިބިދީފައިވަނީ ކޮންގްރެސްއަށެވެ. ޑިމޮކްރެޓިކް ސެނެޓާ ޓިމް ކޭން ވިދާޅުވި ގޮތުގައި ހަނގުރާމައެއް ފެށުމުގެ ނިންމުމަކީ އެންމެ މީހެއްގެ އަތްމައްޗަށް ދޫކޮށްލެވޭ ވަރަށްވުރެ މާ ނުރައްކާތެރި ނިންމުމެކެވެ. ނަމަވެސް މިދިޔަ ހަފްތާގައި "ދަ އެކްސިއޯސް ޝޯ" ގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އޭނާގެ ބާރުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ. ޝޫމާ އަދި ކޭން ވަނީ ރައީސްގެ އަސްކަރީ ކެމްޕޭންތައް ހުއްޓުވެންދެން މިފަދަ ގަރާރުތައް ހުށަހެޅުން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ