ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަނީ؛ ބައެއް ގަޑިތަކުގައި ޚިދުމަތް މެދުކެނޑިދާނެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާއިރު ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ. ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި، ފަހި ފުލެޓުތަކުން ކަރަންޓު ކެނޑި، ގިނައިރު ވުމުގެ މައްސަލަތަކެއް މި އަހަރުތެރޭ ފެންމަތިވެފައިވެއެވެ. ސްޓެލްކޯއިން މިއަދު ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ މަސައްކަތުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިން މަސައްކަތްތައް މާދަމާއިން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީގެ ކުރިން ކަރަންޓު ކޭބަލަަކަަށް ގެއްލުންވި ސަރަހައްދު: މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ތަކުރާރުކޮށް ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވޭ -- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ ސްޓެލްކޯއިން ބުނީ އެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ ކުންފުނިން ވަނީ، އެ މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދިފައެވެ. އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ. މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ އަދަދެއްގެ ޓަވަރުތަކުން ކަރަންޓު ކެނޑި، އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ޚިދުމަތް ނުލިބި އަށް ގަޑިއިރުވިއެވެ. އޭގެ ދެ ހަފުތާ ފަހުން، އަނެއްކާވެސް އެ ސަރަހައްދުގެ ޓަވަރުތަކަކުން ކަރަންޓު ކެނޑި، ހުރިހާ ފުލެޓަކަށް ކަރަންޓު ލިބެން ހަތަރު ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަަވިއެވެ. https://sun.mv/221087 ސްޓެލްކޯއިން ހަވާލުކުރުމުގެ ކުރިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން އައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ންނެވެ. ސްޓެލްކޯއިން މީގެ ކުރިން ފާހަގަކޮށްފައިވާ ގޮތުގައި، އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ދެވަނަ ފިޔަވަހީގައި ކަރަންޓު ކެނޑޭ ސަބަބުތަކުގެ ތެރޭގައި، މަގު ހެދުން ފަދަ މަސައްކަތްތަކުގެ ތެރެއިން ކޭބަލަށް ގެއްލުންވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ