ފޭކް މުދާ ވިއްކާތީ އަލީއެކްސްޕްރެސް 550 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި

ފޭކް މުދާ ވިއްކުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާތީ، ޗައިނާގެ މަޝްހޫރު އީކޮމާސް ކުންފުނި އަލީއެކްސްޕްރެސް 550 މިލިއަން ޔޫރޯއިން ޔޫރަޕިއަން ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ. މިއީ ގަވާއިދާ ޚިލާފު، ރައްކާތެރިކަން ނެތް އަދި ފެންވަރު ދަށް ނުވަތަ ފޭކު އުފެއްދުންތައް ވިއްކުމާ ގުޅޭ ރިސްކުތައް ރަނގަޅަށް ދެނެގަނެ، އެކަން ހުއްޓުވުމަށް ފިޔަވަޅު ނާޅައި ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް ސާވިސަސް އެކްޓް (ޑީއެސްއޭ) އާ ޚިލާފުވުމުން ކުރި ބޮޑު ޖޫރިމަނާއެކެވެ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފު އުފެއްދުންތައް ހޯދައި ނައްތާލުމަށް އަލީއެކްސްޕްރެސްއިން ގާއިމުކޮށްފައިވާ ނިޒާމުގެ ކާމިޔާބުކަން ވަޒަންކުރުމުގައި އެ ކުންފުނިން ވަނީ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައި ގޯސްކޮށް އަންދާޒާކޮށްފައެވެ. އަދި އެ މީހުންގެ ރެކަމެންޑޭޝަން ސިސްޓަމާއި އިޝްތިހާރުކުރާ ނިޒާމުގެ ސަބަބުން ގަވާއިދާ ޚިލާފު މުދާ ފެތުރުމަށް މަގުފަހިވާ މިންވަރުވެސް ރަނގަޅަށް ބަލާފައެއް ނުވެއެވެ. މީގެއިތުރުން އަލީއެކްސްޕްރެސްއިން ބަރޯސާވީ އެންމެ އެއްޗެއްގެ މައްޗަށް ކަމަށާއި، އެ މިންގަނޑުން ގަވާއިދާ ޚިލާފު މުދާ ހުއްޓުވުމަށް އެމީހުންގެ މޮޑަރޭޝަން ސިސްޓަމުން ކުރާ މަސައްކަތް ރަނގަޅަށް ވަޒަންނުކުރެވޭކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. https://sun.mv/146014 އިތުރަށް ބެލި ބެލުމުން އެނގުނު ގޮތުގައި، އަލީއެކްސްޕްރެސްގެ ގަވާއިދާ ޚިލާފު މުދާ ދެނެގަންނަ ނިޒާމު އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެއެވެ. އެގޮތުން ގިނަ އަދަދެއްގެ ގަވާއިދާ ޚިލާފު އުފެއްދުންތައް ޕްލެޓްފޯމުގައި ދައުރުވަމުން ދިޔައިރު، އެކަން ދެނެގަނެވުނު ނަމަވެސް ހަފްތާތަކެއް ވަންދެން އެ ތަކެތި ޕްލެޓްފޯމުން ނެގުމެއްނެތި ހުއްޓެވެ. އަދި ގަވާއިދާ ޚިލާފަށް މުދާ ވިއްކާ ވިޔަފާރިވެރިންނަށް އަދަބު ދިނުމުގެ އުސޫލުތައްވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. މީގެއިތުރުން ވިޔަފާރިވެރިން އުފެއްދުންތަކުގެ ނަން އޮޅުވާލައިގެން މި ސިސްޓަމްތައް ފަސޭހައިން ބައިޕާސް ކުރަމުންދިޔަކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ފާހަގަކުރީ، ފޭކު މުދާ ވިއްކުން ހުއްޓުވުމަށް އަލީއެކްސްޕްރެސްއިން ލާޒިމްކޮށްފައިވާ 'ބްރޭންޑް އޮތޮރައިޒޭޝަން ސިސްޓަމް' ނާކާމިޔާބުވުމެވެ. މުވައްޒަފުން މަދުވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ފަސޭހައިން އެ ނިޒާމު ބައިޕާސް ކުރެވުނުއިރު، އަލީއެކްސްޕްރެސްއަށް ފޭކް އުފެއްދުންތައް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައިނުވާ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި މައްސަލަތައް ހައްލުކުރުމުގެ ގޮތުން އޮކްޓޯބަރު 20 ގެ ކުރިން އެކްޝަން ޕްލޭނެއް ޔޫރަޕިއަން ކޮމިޝަނަށް ހުށަހެޅުމަށް އަލީއެކްސްޕްރެސްއަށް ވަނީ އަންގާފައެވެ. އެ ޕްލޭނުގައި ޑީއެސްއޭގެ ދަށުން އެމީހުންގެ ޒިންމާ އަދާނުކުރެވި ހުރި ކަންކަން ރަނގަޅުކުރާނެ ގޮތްތައް ހިމަނަންޖެހެއެވެ. އެ ޕްލޭން ލިބޭތާ އެއް މަސްދުވަހުގެ ތެރޭގައި ޔޫރަޕިއަން ބޯޑް ފޯ ޑިޖިޓަލް ސާވިސަސްއިން އެއާމެދު ރައުޔެއް ނެރޭނެއެވެ. އަދި އޭގެ އަނެއް މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ފަހުގެ ނިންމުން ނިންމައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ