ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އާންމު ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންވާ، ނަޒާހަތްތެރި ބަޔަކަށް ވާންޖެހެއެވެ. ނަމަވެސް، ދާދި ފަހުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން 8 މިލިއަނަށްވުރެ ގިނަ ފައިސާ ނެގިކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. މިއީ ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލިކަމުގެ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން ހިނގި ކަމެކެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އާންމުންނަށް އޮޅުވާލިކަމުގެ ރިޕޯޓުތަކާ އެކުގައެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ވަނީ ގޯއްޗާއި ފްލެޓް ހަމަޖައްސައިދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ޖުމްލަ 8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ މަކަރާއި ހީލަތުން ހޯދާފައެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ސަރުކާރުން ވަނީ ފުރަތަމަ ޔަސީން ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް، ލިބުނު މައުލޫމާތުތަކަށް ރިއާޔަތްކޮށް، އޭނާ ވަނީ ރަސްމީކޮށް މަގާމުން ވަކިކޮށްފައެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި މި ސަރުކާރުން ގެންގުޅެނީ ’ޒީރޯ ޓޮލަރެންސް‘ ނުވަތަ އެއްވެސް މިންވަރަކަށް އެފަދަ ކަންކަމަށް ފުރުސަތު ނުދިނުމުގެ ސިޔާސަތެކެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ އިތުބާރު ނަގާލައި، އަމިއްލަ މަންފާއަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި މައްސަލަ މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކަށް ހުށަހެޅި ކަމެއް މުންދު ވިދާޅުވެފައެއް ނުވެއެވެ. އަދި ޔަސީންގެ މައްޗަސް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ވަނީ ކަށްވަރުކޮށްދީފައެވެ.
މި ހިޔާނާތް ހިންގާފައި މިވަނީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ އާންމުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް ވެފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު އަމިއްލަ ބޯހިޔާވަހިކަމަކަށް އެދިއެދި ތިއްބާ، ސަރުކާރުގެ އިސް ބޭފުޅަކު އެ އުންމީދުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން އުފެދޭނެ ކަމެކެވެ. މިއީ ބޯހިޔާވަހިކަމުގެ ދާއިރާގައި ހުރި ނިޒާމީ ބަލިކަށިކަންކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ މިސާލެކެވެ.
ޔަސީން މަގާމުން ވަކިކުރުމުން ނިމުނީއެއް ނޫނެވެ. އާންމުންގެ އަތުން އަތުލި ފައިސާއަށް ވީގޮތް ހޯދައި، މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، އިންސާފު ގާއިމުކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިފަދަ ހާދިސާތަކުން އިބުރަތް ހާސިލުކޮށް، ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އިތުރަށް ސަމާލުވާންޖެހެއެވެ.
ގޯއްޗާއި ފްލެޓްގެ މަކަރާއި ހީލަތް: 8 މިލިއަން ރުފިޔާ ނެގި ކަމުގެ ތުހުމަތުގައި ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު މަގާމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ