ޚަރަދު ކުޑަކުރުމުގެ ނަމުގައި ވަޒީފާއިން ވަކިކުރަނީ ސަރުކާރާ ދެކޮޅު މީހުން ކަމަށް ބުނެ މަޖިލީހަށް ގަރާރެއް
ޚަރަދު ކުޑަކުރުމުގެ ނަމުގައި ވަޒީފާއިން ކަނޑަނީ ސަރުކާރަށް ތާއީދު ނުކުރާ މީހުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ގަރާރުގެ ފުރަތަމަ ކިއުން މިހާރު ވަނީ އިއްވާފައެވެ. ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރާނެ ކަމަށް އިއުލާނު ކުރިތާ އެތައް ދުވަހެއް ވީއިރު ވެސް އެކަން ހާމަކަމާއި ހަމަހަމަ އުސޫލެއްގެ ދަށުން ކުރިއަށްދާ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި، ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުއްލި ގޮތަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރާ މީހުންނާއި އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް އަމާޒުކޮށްގެން ކަމަށް ބުނެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ އިތުރުން، މިގޮތަށް މީހުން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، އަދި ކުންފުނިތަކުގެ އަމިއްލަ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށް ގަރާރުގައި ވަނީ ތުހުމަތުކޮށްފައެވެ. ގައުމުގެ އިގުތިސޯދީ އަދި މާލީ ހާލަތު ދަށަށް ގޮސް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މެދު ފަންތީގެ ގިނަ ގޭބިސީތަކަކަށް މާލީ ގޮތުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ވެސް މައުރޫފް ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ވަޒީފާގެ އަޚުލާގު ހިފެހެއްޓުމާއި ޒިންމާ އަދާނުކުރުން ފަދަ ސައްހަ ސަބަބެއް އޮވެގެން މެނުވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ނުވާނެކަން ވަޒީފާއާ ބެހޭ ގާނޫނުން ސާފުކޮށް އެނގެން އޮތްއިރު، ވެރިކަން ހިންގާ ފަރާތް ޖަވާބުދާރީ ކުރުވުމަކީ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއްކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މި މައްސަލާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު މަޖިލިސް މެންބަރުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށް ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ބުނެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބިރުދައްކާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. https://sun.mv/223746 އެގޮތުން އެމްޑީޕީން ބުނާ ގޮތުގައި ރައީސް މުއިއްޒުގެ މި ސަރުކާރުން މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ އަނިޔާވެރިވެފައެވެ. ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރަމުންދާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި މި އަނިޔާ ލިބިފައިވާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 60 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައިއެވެ. ނަމަވެސް މި ތުހުމަތުތައް މި ސަރުކާރުން ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ