ޕޯސްޓްމޯޓަމްގެ ޚިދުމަތްދެވޭ ފެންވަރުގެ މެޑިކަލް ޔުނިޓެއް ގާއިމުކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ހިދުމަތް ދެވޭނެ ފަދަ ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޤީލާ ޢަލީ ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ވަނީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ގާނޫނީ ހުރަހެއް ނެތްއިރު، އަދިވެސް ރާއްޖޭން ބޭރަށް ހަށިގަނޑުތައް ފޮނުވަނީ ކީއްވެގެންތޯ އާއި އެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުމުގެ ވިސްނުމެއް ހުރިތޯ ސުވާލު ކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިހާރު ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޔުނިޓް ގާއިމުވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ކްލިނިކަލް ފޮރެންސިކް، މެޑިކޯ-ލީގަލް އަދި ޕޯސްޓްމޯޓަމްގެ ހިދުމަތް ލިބިގެންދާނެއެވެ. މި ހިދުމަތަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައެވެ.
ޕޯސްޓްމޯޓަމްގެ އިތުރުން މި ޔުނިޓުން ދޭނެ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި އަނިޔާ ލިބިގެން ގެންނަ މީހުންނާއި، ބަންދުގައި ތިއްބާ އަނިޔާވާ މީހުންގެ ތަހުގީގުތައް ކުރުމާއި، ގާނޫނީ އަދި އިންޝުއަރެންސް ބޭނުންތަކަށް އަނިޔާގެ މިންވަރު ދެނެގަތުން ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ "މި ޔުނިޓް މެދުވެރިކޮށް، މަރުގެ ސަބަބު ދެނެގަތުމަށް ގާނޫނީ ތަހުގީގު ބޭނުންވާ މަރުތަކުގައި ފޮރެންސިކް ތަހުގީގުތައް ކުރިއަށް ގެންދެވޭނެ. އަދި ޖިންސީ ގޯނާ އާއި ޖިސްމާނީ އަނިޔާގެ މައްސަލަތައް ވެސް ބެލޭނެ" ކަމަށެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ގާނޫނީ ފުރުސަތު 2015 ވަނަ އަހަރުން ފެށިގެން އޮތް ނަމަވެސް، ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން މި ހިދުމަތް ގާއިމުކޮށްފައެއް ނުވެއެވެ. މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ފެށުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ގަވާއިދުތައް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާނެ ކަމަށެވެ.
ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޕޯސްޓްމޯޓަމް ހެދުމަށް 23 ހަށިގަނޑެއް ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު، ކޮންމެ ކޭސްއަކަށް އެވްރެޖްކޮށް 55,000 ރުފިޔާ ހަރަދުވެފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ