ވޯލްޑްކަޕުގެ އިނާމަކަށް ރުއިޒް އާއި ގަވީ އަށް ބަރުދަނަށްވާ ވަރަށް ޓޮމާޓޯ!

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުން ސްޕޭނުގެ ފަބިއަން ރުއިޒް އާއި ގަވީ އަށް މި ދެ ކުޅުންތެރިންގެ އުފަން ސަރަހައްދުން އިނާމަކަށް ޓޮމާޓޯ ހަދިޔާ ކޮށްފި އެވެ.
މިއީ އެ ސަރަހައްދުގެ ސަގާފަތް ދެމެހެއްޓުމުގެ ގޮތުން ކުރި ކަމެކެވެ. މި ދެ ކުޅުންތެރިން ވެސް ނިސްބަތްވަނީ ސްޕޭނުގެ ލޮސް ޕަލާސިއޯސް ވިއްޔާ ފްރާންކާ އަށެވެ.
މި ސަރަހައްދަށް ނިސްބަތްވި މަޝްހޫރު އަނެއް ކުޅުންތެރިއަކީ ޖީސަސް ނަވާސް އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕޭނުން ކާމިޔާބު ކުރި ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އެ ފަހަރު ނަވާސް އަށް އިނާމެއްގެ ގޮތުގައި ދިނީ ޓޮމާޓޯ އެވެ. އަދި މިފަހަރުގެ ކާމިޔާބީ އާއި ގަވީ އާއި ރުއިޒްއާ އެކު އޭނާ ވެސް ބައިވެރިކުރި އެވެ.
ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ރުއިޒް އަށް ދީފައިވަނީ 84 ކިލޯ ގްރާމުގެ ބަރުދަނުގެ ޓޮމާޓޯ އެވެ. މީގެ އަގަކީ 185 ޕައުންޑެވެ. ގަވީ އަށް ދީފައިވަނީ 68 ކިލޯ ގްރާމުގެ ބަރުދަނަށްވާވަރަށެވެ. މީގެ އަގަކީ 150 ޕައުންޑެވެ. މި ޓޮމާޓޯތައް ހިފައިގެން އެ ސިޓީގެ އިސްވެރިންނާއެކު ރުއިޒް އާއި ގަވީ ތިބީ އެ މީހުންގެ ވޯލްޑް ކަޕްގެ ރަންމެޑަލް ކަރުގައި އަޅައިގެންނެވެ.
ލޮސް ޕަލާސިއޯސް އަކީ ސްޕޭނުގެ ދެކުނުގައި އަންދަލޫސިއާގައިވާ ތަނެކެވެ. މިއީ ޓޯމާޓޯ ހެއްދުމަށް މަޝްހޫރު ހިސާބެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ސްޕޭނާއެކު ގަވީ ހާސިލް ކުރި ފުރަތަމަ ބޮޑު ކާމިޔާބީ އެވެ. ރުއިޒް އަކީ މީގެ ދެ އަހަރު ކުރިން ސްޕޭނުން ޔޫރޯ ކާމިޔާބު ކުރި ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.
އާޖެންޓީނާ ބަލިކޮށް ސްޕޭން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުން އެ ގައުމުގައި ދަނީ ވަރަށް ބޮޑަށް އުފާފާޅޫ ކުރަމުންނެވެ. މި ގޮތުން ވެރިރަށް މެޑްރިޑާއި އެނޫން ވެސް ބޮޑެތި ސިޓީތަކުގައި ވަނީ ބަސް ޕެރޭޑް ބާއްވައިފަ އެވެ. އަދި ސްޕޭނުގެ ރަސްގެފާނާއި ބޮޑު ވަޒީރު ވެސް ވަނީ ޓީމާ ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ