ތެލުގެ އަގު އުފުލި، އިންސާނީ އެހީއަށް ހުރަސްއެޅިފައި

ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އިންތިހާއަށް އުފުލި، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބޭނުންކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުމުން ފެށިގެން، މުވައްޒަފުންނަށް މުސާރަދިނުމާއި ކާބޯތަކެތި ގަތުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަން ނޯވީޖިޔަން ރެފިއުޖީ ކައުންސިލުން (އެންއާރްސީ) ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޔާން އެގެލަންޑް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި، ހުޅަނގުގެ ޤައުމުތަކުގެ ބަޖެޓު ދިފާޢީ ކަންކަމަށް ހުރަސްކުރުމުގެ ނަތީޖާއަކީ، މި އަހަރުގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭ މީހުންގެ އަދަދު މަދުވުން ކަމުގައެވެ.
އެކުވެރި ދައުލަތްތަކުގެ (އދ) އިންސާނީ އެހީއާބެހޭ އިދާރާގެ އިސްވާރުކަމުގެ މަޤާމު ކުރިން ފުރުއްވި އެގެލަންޑް ވިދާޅުވީ، އެންއާރުސީގެ 1,500 އުޅަނދު ހިންގުމުގެ ޚަރަދު ބައެއް ޤައުމުތަކުގައި މިހާރު ދެގުނައަށް ބޮޑުވެފައިވާ ކަމުގައެވެ. "ސޯލާ ހަކަތަ ޤާއިމުނުކުރެވޭ ތަންތަނުގައި ހަސްފަތާލުތަކާއި މަދަރުސާތައް ހިންގުމަށް ބޭނުންވާ ޖަނަރޭޓަރުތަކަށް ކުރަންޖެހޭ ހޭދަވެސް ވަނީ އިންތިހާއަށް ބޮޑުވެފައި،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން އެހީއަށް ބޭނުންވާ ކޮންމެ ޢާއިލާއަކަށް ކުރަންޖެހޭ ހޭދަ އިތުރުވެ، މުވައްޒަފުންނަށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ ޙާލަތަށް އަލިއަޅުއްވައިލައްވަމުން އެގެލަންޑް ވިދާޅުވީ، ޣައްޒާގައި ޚިދުމަތްދިނުމުގެ ހުއްދަ ޔަހޫދީން ބާޠިލުކޮށްފައިވާ ކަމަށާއި، އެ ސަހަރަށް މުވައްޒަފުން ފޮނުވުމަށް ވެސް ހުރަސްއަޅާފައިވާ ކަމުގައެވެ. "އަޅުގަނޑުމެންގެ މައި މަރުކަޒު މިހާރު ވަނީ އުރުދުންގެ ޢައްމާނަށް ބަދަލުކުރަން ޖެހިފައި. އަޅުގަނޑުމެން މިހާރު މެނޭޖްމަންޓްގެ ކަންކަން ކުރިއަށް ގެންދަނީ ރިމޯޓްކޮށް،" އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ ތެރޭގައި ވެސް އެ ޖަމުޢިއްޔާއިން ވަނީ ފަަލަސްޠީނުގެ މުވައްޒަފުން މެދުވެރިކޮށް ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ.
ޣައްޒާ ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ، ހުށަހެޅުއްވި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ރޭވުމަށް ތާރީފުކުރެއްވި ނަމަވެސް، އެގެލަންޑް ވިދާޅުވީ އެ ރޭވުން މިހާރު އޮތީ ނުރައްކަލުގެ ތެރޭގައި ކަމުގައެވެ. "ޔަހޫދީ ސިފައިން އަދިވެސް ދަނީ ޣައްޒާގައި ހަރަކާތްތެރިވަމުން. އެ މީހުން އަދިވެސް ދަނީ ގެދޮރު ސުންނާފަތި ކުރަމުން، އަދި އެހީދޭ ގުރޫޕުތަކަށް ވަނުމުގެ ފުރުޞަތު ވަނީ ބަންދުކޮށްފައި. މިއީ ސުލްޙައެއް ނޫން،" އޭނާ ވިދާޅުވިއެވެ. ޖަނަވަރީ މަހުގެ އެއްބަސްވުމާއެކު ވެސް، ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ލިބޭ އެހީ އަދިވެސް އިންތިހާއަށް މަދުކަމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ފައުޖުން ހުރަސްއަޅަމުންދާ ކަން ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ