ނަފްސާނީ ހާލަތެއް ތަހައްމަލު ކުރާނަމަ ލަސްނުކޮށް އެހީތެރިކަން ހޯދާ!

ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ އެހީތެރިކަން ހޯދުމަށް އަވަސްވެ ގަތުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގޮވާލައްވައިފިއެވެ.
ސިއްޙަތާއިބެހޭ ވުޒާރާއިން މިފަދައިން ގޮވާލެއްވީ، މުޖުތަމަޢުގައި ފަހަކަށް އައިސް ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސިއްހަތާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ ކަމަށާއި، އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ގޮވާލެއްވިއެވެ.
ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާ ކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ހަޤީގަތާއި ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރެއްވުމަށްވެސް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ