މުޖުތަމަޢުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ ގުޅިގެން، ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް މިނިސްޓްރީ އޮފް ހެލްތުން އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި، ޒިންމާދާރުކަމާއެކު އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަށް ބާރުއަޅާފައެވެ.
ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަމާނާތެއްކަން ފާހަގަކުރަމުން، ޢާއިލާތަކާއި ރައްޓެހިން ގުޅިގެން އެކަކު އަނެކެއްގެ ޙާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށް މިނިސްޓްރީން ވަނީ ބާރުއަޅާފައެވެ. "އަނެކާގެ ވާހަކަ ކަނުލާ އަޑުއެހުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ހެލްތް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަމެވެ. އެހެންކަމުން، ބިރުވެރިކަމާއި ފާޑުކިޔުމުގެ ބަދަލުގައި، އުއްމީދާއި ހިތްވަރު ދިނުމުގެ މެސެޖުތައް އިސްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ނޭޝަނަލް މެންޓަލް ހެލްތް ހެލްޕްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފަސްނުޖެހި މި ޚިދުމަތުގެ ބޭނުން ހިފުމަށް މިނިސްޓްރީން އިރުޝާދުދެއެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މުޖުތަމަޢަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަކީ އެ މިނިސްޓްރީގެ އިސް އަމާޒެކެވެ.
ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ