ޒިންމާދާރު އުފެއްދުންތެރި ޖީލެއް ބިނާކުރުން
ކޮންމެ ގައުމެއްގެވެސް އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ ގައުމެއްގެ ޒުވާން ޖީލެވެ. ގައުމުގެ ކުރިމަގު އުޖާލާވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރައިދިއުން ބިނާވެފައިވަނީ އެ ގައުމެއްގައި ތިބި އުފެއްދުންތެރި، ހީވާގި މަސައްކަތްތެރި ޖީލެއްގެ މައްޗަށެވެ. ދިވެހިރާއްޖޭގައި ވަޒީފާއަދާނުކުރާ ޒުވާނުންގެ ނިސްބަތް، މުޅި ޖުމްލަ ވަޒީފާއަދާނުކުރާ މީހުންގެ ނިސްބަތަށްވުރެ މަތިކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޚާއްޞަކޮށް މާލެއާއި އާބާދީބޮޑެތި ރަށްރަށުގައެވެ. 2022 ގެ ބޯހިމެނުމާއި ލޭބަރފޯސްސާރވޭ (ނުވަތަ މަސައްކަތްތެރިކަމުގައި ބައިވެރިވާ މިންވަރުގެ ސާވޭ) އިން ދައްކާގޮތުގައި – ވަޒީފާއެއް ނުވަތަ ތަމްރީނެއްގައި ނޫޅޭ އަދި ތައުލީމުދޭ ތަނެއްގައި ނޫޅޭ ޒުވާނުން (ހަވާސާވެފައިވާ ޒުވާނުން) ގެ އަދަދު އިތުރުވަމުންދަނީ، ކުރިމަގުގެ ގައުމީ އުފެއްދުންތެރިކަމާއި އިޖުތިމާއީ ހަމަޖެހުމަށް ވިސްނާއިރު، ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ތައްޔާރުކޮށްފައިވާ ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް 2025 – 2031 ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ވަޒީފާ ބާޒާރަށް ދިމާވެފައި އޮތް މައްސަލައަކީ ހަމައެކަނި ވަޒީފާ ނެތުމެއް ނޫންކަމުގައެވެ. އެކަމަކު، ހުނަރާއި މަސައްކަތަށް ތައްޔާރުވެފައިވާ މިންވަރާއި މަސައްކަތްތެރިކަމާމެދު ޒުވާނުން ދެކޭގޮތް ކަމުގައެވެ. ޚާއްޞަކޮށް އަލަށް ވަޒީފާތަކަށް ނިކުންނަ ކުދިންނެވެ. ދިވެހިރާއްޖޭން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ މިންވަރު ދިރާސާކުރުމަށް ތައްޔާރުކުރި ވޮލަންޓަރީ ނެޝަނަލް ރިވިއު (ވީއެންއާރު، 2023) އިން ވެސް ފާހަގަވި އެއްކަމަކީ، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ މަސައްކަތާއި ހުނަރާ ދޭތެރޭ މީހުން ދެކޭގޮތް ބަދަލުކުރުން ކަމުގައެވެ. ހަމައެކަނި ވަޒީފާ އުފެއްދުމެއް ނޫނެވެ. އަދި މާލެސިޓީގެ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރު، 2025) އިން ފާހަގަވި އެއްކަމަކީ، ޒުވާނުން މަސައްކަތާ ބީރައްޓެހިވުމުގެ ސަބަބުން ކުރިމަގަށް އޮތް ނުރައްކަލެވެ. ޚާއްޞަކޮށް މަސައްކަތެއް ކުރުމަކާނުލާ ފުރުޞަތުތައް ފަހިވާންޖެހޭނެކަމަށް ޒުވާނުން ދެކޭ ދުށުމެވެ. ދިވެހިސަރުކާރުންނާއި ކަމާބެހޭ ބައިނަލް އަގުވާމީ އިދާރާތަކުން އަދި ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކުން ހަދާފައިވާ ދިރާސާތަކުން – މަސައްކަތްތެރިކަމާއި ޒުވާނުންނާ ބެހޭގޮތުން އިތުރަށް ބުނާ ވާހަކަތަކުގެ ތެރޭގައި މިދަންނަވާ ކަންކަން ފާހަގަކުރެވެއެވެ. ޒުވާނުން ވަޒީފާއަށް ނުދިޔުމުގެ މައްސަލައަކީ ނިޒާމީ މައްސަލައެކެވެ. މައްސަލައަކީ ވަޒީފާ ނެތުމެއް ނޫނެވެ. ހުނަރުގެ އިތުރުން ޒިންމާދާރުކަމާއި މަސައްކަތުގެ އަޚުލާގަށް ޒުވާނުން އަހުލުވެރި ކުރުވަން އެބަޖެހެއެވެ. ކުޑައިރުއްސުރެ ޒިންމާދާރުވާން ދަސްކޮށްދެވިއްޖެނަމަ، ވަޒީފާގައި ހަރުލުމުގެ ފުރުސަތު ބޮޑެވެ. އަބުރުވެރި ދިރިއުޅުމެއް ލިބޭނީ އަމިއްލަ މަސައްކަތުންނެވެ. މީހުންނަށް ބަރޯސާވެގެނެއް ނޫނެވެ. މި ހަގީގަތްތަކަށް ބަލާއިރު، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މަސައްކަތުގެ އަގު ވަޒަންކުރަން ދަސްކޮށްދިނުމެވެ. އަޅުގަނޑުމެންގެ ތެރޭގައި ފެންނަން އޮތް ހަގީގަތަކީ، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އައިސް، އާދައިގެ ވަޒީފާތަކުން ފެށިގެން ގޮސް، އަމިއްލަ ހިތްވަރާއި ފަރުވާތެރިކަމާއެކު މަސައްކަތް ދަސްކޮށްގެން، މިއަދު ޒިންމާދާރު ޖާގަތައް ފުރަމުންދާކަމެވެ. އަޅުގަނޑާ ދާދިފަހުން ދިމާވި ރައްޓެއްސަކު ކިޔައިދިންގޮތުގައި، އޭނާގެ ކުންފުންޏަށް ގެނައި ބަންގްލަދޭޝްގެ މުވައްޒަފަކު އެ ތަނުގައި ހުރި އެންމެ އިތުބާރުހިފޭ މުވައްޒަފުގެ ޖާގަ ހޯދައިފިއެވެ. މުޅިތަނުގެ ސްޓޮކް އޭނާގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދަނީ މުޅި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ އިތުބާރާއެކުގައެވެ. އޭނާ އަކީ މާލޭގައި މަސައްކަތުގެ މީހެއްގެ ވަޒީފާގައި އޭނާ އުޅުނު ކުންފުނީގެ ވިޔަފާރި ހުއްޓާލުމުން އަޅުގަނޑުގެ ރައްޓެހިމީހާ ވަޒީފާ ދީގެން ގެނައި މުވައްޒަފެކެވެ. އަޅުގަނޑު ކުރިން ވަޒީފާ އަދާކުރި ކުންފުންޏެއްގައި ވެސް، ހޮޓަލެއްގެ ވޭޓަރަކަށް އުޅުނު ބަންގްލަދޭޝްގެ ޒުވާނަކު ވަޒީފާއަށް އައެވެ. އޭނާގެ ވިސާއެއްވެސް ނެތެވެ. އެހެންކަމުން ރެގިއުލަރައިޒްވެ ވަޒީފާގެ ކަންތައް ހަމަޖެހުމަށްވެސް އޭނާ އެތައް ބުރައެއް އުފުލަންޖެހުނެވެ. ކޮންމެއަކަސް، ކޮމްޕިއުޓަރު މަސައްކަތް ދަސްކޮށް، އެކަމުގައި އުޅުނު އެންމެންގެ އިތުބާރު ހޯދައިގެން މަސައްކަތް ދަސްކުރުމުގައި އިތުރު ހަރުފަތްތަކެއް ގިރާކޮށް އޭނާ ފަހުން އޭނާ ވަޒީފާ އަދާކުރި ކުންފުނީގައި އޭނާކުރީ ސޮފްޓްވެއަރ އިންޖިނޭރެއްގެ މަސައްކަތެވެ. މިއީ ބިދޭސީ ޒުވާނުން ޒިންމާދާރު މަގާމުތަކުގައި ދައްކަމުންދާ ޒިންމާދާރުކަމާއި ފަރުވާތެރިކަމާ، އަދި ހޯދަމުންދާ އިތުބާރުން – އަޅުގަނޑުމެންނަށް ފެންނަންއޮތް މުހިންމު ފިލާވަޅެކެވެ. އާދެ! ޒިންމާދާރު ޖީލެއް އުފެދެނީ، ދަތި އުނދަގުލާ ކުރިމަތިލާ، އެކަންކަމުގެ ތެރެއިންނެވެ. ހުރިހާ ކަމެއް އެއްވެސް މަސައްކަތަކާނުލާ ހަމަޖެހިފައި އޮތުމަކީ އުފެއްދުންތެރި ޖީލެއް ބިނާކުރެވޭނެ ގޮތެއްނޫނެވެ. ތިމާ ބޭނުންވާ ހުރިހާ އެއްޗަކާއި ކަމެއް މައިންބަފައިން ނުވަތަ ސަރުކާރުން ތަބަކަކަށްލާފައި ދޭންޖެހޭނަކަމަށް ދެކޭ ވިސްނުމުގެ ޖީލެއް އުފެއްދުމަކީ، އުފެއްދުންތެރި ޒިންމާދާރު ޖީލެއް ބިނާކުރުމަށް އޮތް އެންމެބޮޑު އެއް ހުރަހެވެ. އެހެންކަމުން – އަޅުގަނޑުމެން މައިންބަފައިންގެ ހައިސިއްޔަތުން، އެކުދިން އަމިއްލައަށް ކުރާ މަސައްކަތުން އެކުދިން ބޭނުންވާ އެއްޗިއްސާއި ކަންކަން ހާސިލުކުރުމުގެ ތަރުބިއްޔަތު ކުދިންނަށް ދޭން އެބަޖެހެއެވެ. އޭރުން އެކުދިންނަށް މަސައްކަތުގެ އަގު ވަޒަންކުރަން އެނގި، ބުރަ އުފުލައިގެން ކަންކަން ހާސިލުކުރުމަށް އަހުލުވެރިވެފައިވާ އެކަމަށް ފަރިތަ ބަޔަކަށް އެކުދިންވާނެއެވެ. ޒިންމާދާރު ޖީލެއް ބިނާކުރެވޭނީ ޖަވާބުދާރީވުމާއި، ހީވާގިކަމާ، މުރާލިކަމާއެކު މަސައްކަތް ކުރަން އަޅުގަނޑުމެންގެ ކުދިންނާއި ޒުވާނުންނަށް ދަސްކޮށްދެވިގެންނެވެ. އަޅުގަނޑުމެން މިހިނދުން އެމަގަށް މިސްރާބު ނުހިފައިފިނަމަ ދިވެހިންނަކީ ބޭކާރު ބަޔަކަށް ވެދާނެއެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ ޒިންމާދާރު ޖީލެއްގެ ރީތި ނަމޫނާއެކެވެ. އެއީ އެއްވެސް އިރަކު މީހުން ގާތު ސަލާންޖަހައިގެން އުޅުނު ބައެއް ނޫނެވެ. ބޮޑުފަތިހާ ތެދުވެ ކަނޑުފަޅަށާއި ދަނޑުބިންތަކަށް ގޮސް، އަމިއްލަ އަތުން މަސައްކަތް ކޮށްގެން ދިރިއުޅުމުގެ ހުރިހާ ހާޖަތްތަކެއް ފުއްދި ބައެކެވެ. ގެދޮރު ބިނާކުރުމާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ބޭނުންކުރީ އަމިއްލަ ހުނަރާއި ހީވާގިކަމެވެ. އެހިތްވަރާއި އެމުރާލިކަން ދިވެހިވަންތަކަމުގެ އެންމެއިސް އަލާމާތެއްކަމުގައި އަލުން ހަދަން އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލުމަކީ އަޅުގަނޑު ދެކޭގޮތުގައި މިއަދު އަޅުގަނޑުމެން އަދާކުރަންޖެހިފައިވާ ގައުމީ ވާޖިބެކެވެ. https://sun.mv/211932 ގައުމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި، މައިންބަފައިން މިކަމާ މެދު ފުންކޮށް ވިސްނަން ޖެހިއްޖެއެވެ. އަޅުގަނޑުމެން ބޭނުންވަނީ ކަންކަމަށް ބަރޯސާވާ ޖީލެއްގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެ ހީވާގިކަމާއެކު މަސައްކަތްކުރާ، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށެވެ. ކާބަފައިން ދެއްކެވި ހީވާގި، މުރާލި ނަމޫނާ އަލުން އިއާދަކޮށްގެން މެނުވީ ހަގީގީ ތަރައްގީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ