މިސައިލް ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާއާއެކު މަޝްވަރާ ނުކުރާނެ ކަމަށް އިރާނުން ބުނެފި މިސައިލް ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާއާއެކު މަޝްވަރާ ނުކުރާނެ ކަމަށް އިރާނުން ބުނެފި

އިރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ އެ ގައުމުގެ ދިފާއު ކަމަކަށް ވާތީ، އެކަމާ ބެހޭގޮތުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
އޮމާންގެ މަސްކަޓްގައި އެމެރިކާއާއެކު ކުރިއަށްދިޔަ ނުސީދާ މަޝްވަރާތަކަށް ފަހު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، އިރާނުގެ މިސައިލް ޕްރޮގްރާމަކީ "ދުވަހަކުވެސް މަޝްވަރާ ކުރެވޭނެ ކަމެއް ނޫން" ކަމަށާއި، އެމެރިކާއިން އިރާނުގެ ބިމަށް ހަމަލާއެއް ދީފިނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާދޭނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވުނު މި މަޝްވަރާތަކަކީ "ރަނގަޅު ފެށުމެއް" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، މަޝްވަރާތައް ނިމުމާއެކު ޓްރަމްޕް ވަނީ އިރާނާއެކު ވިޔަފާރިކުރާ ގައުމުތަކުގެ މުދަލުން ޓެރިފް ނެގުމަށާއި، އިރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށްޓަކައި ޝިޕިން ދާއިރާއަށް އަމާޒުކޮށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި އެމެރިކާގެ މަންދޫބުން ވަނީ އަރަބި ކަނޑުގައި އޮތް އެމެރިކާގެ މަނަވަރަށް ޒިޔާރަތްކޮށް، "ބާރުގެ ބޭނުންކޮށްގެން ސުލްހަ ގާއިމުކުރުމުގެ" ސިޔާސަތު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި އިޒްރޭލުން ވެސް ދަނީ ބޮޑު ދައުރެއް އަދާކުރަމުންނެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ބުދަ ދުވަހު ޓްރަމްޕާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުން ބާރުއަޅަނީ އިރާނުގެ މިސައިލް ޕްރޮގްރާމާއި ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓުވުން ވެސް މަޝްވަރާގެ ތެރޭގައި ހިމެނުމަށެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ މައްސަލައިން ބޭރު އެއްވެސް ކަމަކާ މަޝްވަރާ ނުކުރާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ހާރިޖީ ދާއިރާގެ މުހައްލިލުން ދެކޭގޮތުގައި، ދެ ގައުމުން ވެސް އެ ފަރާތްތަކުގެ ހަރުކަށި އުސޫލުތައް ދޫކޮށްލަން ބޭނުން ނުވާތީ މި މަޝްވަރާތަކުން ދާއިމީ ހައްލެއް ފެނުމުގެ ފުރުސަތު ކުޑައެވެ. އަދި އިރާނުގެ ވެރިރަށް ތެހެރާންގެ ރައްޔިތުންގެ މެދުގައި ވެސް މިކަމާމެދު އޮތީ ނުތަނަވަސްކަމާއި ޝައްކު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ