އެސްއެސްޓީވީގެ ދީނީ ސުވާލު މުބާރާތަށް އަލް މަދީނާ ޙައްޖު އެންޑް އުމްރާގެ ފަރާތުން އުމްރާ ދަތުރެއް
އެސްއެސް ޓީވީއިން ގެނެސްދޭ ދީނީ ސުވާލު މުބާރާތަކަށް އަލް މަދީނާ ޙައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ހަދިޔާޔާކޮށްފިއެވެ. އެސްއެސް ޓީވީގެ ފަރާތުން މި ޕްރޮގްރާމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްއެސް ޓީވީގެ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) އެވެ. އަދި އަލް މަދީނާ ޙައްޖު އެންޑް އުމްރާގެ ފަރާތުން ސޮއިކުރެއްވީ ޝެއިޚް އާދަމް ނިޝާނެވެ. މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދެއްވަމުން އެސްއެސް ޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރޯދަ މަހުގެ ކޮންމެ ދުވަހަކު އަލް މަދީނާ ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން ސުވާލެއް ހުށަހަޅާއިރު، އެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު އެސްއެމްއެސް ނުވަތަ އެސްއެސްޓީވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސުވާލުތައް ބައްޓަންކުރެވިފައި ހުންނާނީ އިސްލާމް ދީނުގެ ރުކުންތަކާއި ދީނާ ގުޅުންހުރި ކަންކަމުގެ މައްޗަށް ކަމަށްވާއިރު މި މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރާއެއް ނޯންނާނެ ކަމަށް ޒަހީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސުވާލު މުބާރާތުގެ އެންމެ ގިނަ ސުވާލު ރަނގަޅުކުރާ ފަރާތުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރު ހަދިޔާކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "ރޯދަމަހަށް ހާއްސަކޮށްގެން މި ކުރިއަށް ގެންދެވޭ ދީނީ ސުވާލު މުބާރާތުގެ ޖަވާބު ދިމާކުރުމަށް ކޮންމެ ބޭފުޅަކަށްވެސް އެސްއެމްއެސް ކުރެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާ ވެސް ގިނަ ބޭފުޅުން ޕްރޮގްރާމުގައި ބައިވެރިވުން. އަދި ހަދިޔާކުރެވޭ އުމްރާ ދަތުރު ލިބިގަތުން،" ޒަހީން ވިދާޅުވިއެވެ. އެސްއެސްޓީވީގެ ދީނީ ސުވާލު މުބާރާތަށް އަލް މަދީނާ ޙައްޖު އެންޑް އުމްރާގެ ފަރާތުން އުމްރާ ދަތުރެއް -- ފޮޓޯ: އެސްއެސް ޓީވީ މި ރަސްމިއްޔާތުގައި އަލް މަދީނާ ޙައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުން ވަނީ، ސަން މީޑިއާއަށް ރޯދަ ހަދިޔާގެ ގޮތުގައި އަޖުވާ ކަދުރާއި އަލް މަދީނާގެ އުމްރާ ކިޓުގެ ތިން ސެޓު ހަދިޔާކުރައްވާފައެވެ. މި މުބާރާތަކީ ކުރިއަށްއޮތް ރަމަޟާން މަހުގެ ތެރޭގައި އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ މައުލޫމާތު މުއްސަނދި ކުރުމަށް ސަން މީޑިއާގެ ފަރާތުން ގެނެސްދޭ ޕްރޮގްރާމެވެ. އެސްއެސްޓީވީ އަބަދުވެސް ފާހަގަކޮށްލެވެނީ ގިނަ ދިވެހިންނާ ގުޅުންހުރި ދިވެހިވަންތަ، ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ކޮންޓެންޓް އުފައްދާ ޓީވީ ޗެނަލެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ