އިންޑިއާއިން "ޑީޕް ޓެކް" ސްޓާޓްއަޕްތަކަށް ދޭ ލުއިތައް ވަރަށް ބޮޑަށް އިތުރުކޮށްފި
އިންޑިއާގެ ޖައްވީ ދިރާސާތަކާއި، ސެމީކޮންޑަކްޓާ އަދި ބަޔޯޓެކްނޮލޮޖީ ފަދަ 'ޑީޕް ޓެކްނޮލޮޖީ' ދާއިރާތަކުގައި މަސައްކަތްކުރާ ކުންފުނިތަކަށް ދޭ ޚާއްސަ އިނާޔަތްތަކާއި ރެގިއުލޭޓަރީ ލުއިތައް ދޭ މުއްދަތު އެ ގައުމުގެ ސަރުކާރުން ދިގުކޮށްފިއެވެ. މި ހަފުތާގައި އިންޑިއާ ސަރުކާރުން ގެނައި ބަދަލާއެކު، ޑީޕް ޓެކް ކުންފުނިތަކަށް 'ސްޓާޓްއަޕް' އެއްގެ ދަރަޖަ ގެއްލޭ މުއްދަތު ވަނީ 10 އަހަރުން 20 އަހަރަށް އިތުރުކޮށްފައެވެ. މީގެ އިތުރުން، މިފަދަ ކުންފުނިތަކަށް ލިބޭ ޓެކްސް އިނާޔަތްތަކާއި ގްރާންޓްތަކުން ލިބޭ އާމްދަނީގެ ރެވެނިއު ތުރެޝްހޯލްޑްވަނީ އެއް ބިލިއަން ރުޕީސް އިން ތިން ބިލިއަން ރުޕީސް (ގާތްގަނޑަކަށް 33.12 މިލިއަން ޑޮލަރު) އަށް މަތިކޮށްފައެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ސައިންޓިފިކް އަދި އިންޖިނިއަރިން ދާއިރާގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ގިނަ އަހަރުތަކެއް ނަގާތީ، އެ މުއްދަތުގައި އެފަދަ ކުންފުނިތަކަށް ބޭނުންވާ ސަރުކާރުގެ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދިނުމެވެ. ކުރީގެ ގަވާއިދު އޮތްގޮތުން، ގިނަ ކުންފުނިތަކެއްގެ އުފެއްދުންތައް ތަރައްގީކޮށް ނުނިމެނީސް ސްޓާޓްއަޕްގެ ދަރަޖަ ގެއްލި، މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މި ސިޔާސަތުގެ ދަށުން އިންޑިއާ ސަރުކާރުން ވަނީ އެއް ޓްރިލިއަން ރުޕީސް (ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރު) ގެ 'ރިސާޗް، ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ފަންޑު' (އާރުޑީއައި) ވެސް ތައާރަފްކޮށްފައެވެ. މިއީ ދިގު މުއްދަތުން ނަތީޖާ ފެންނަ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ 'ޕޭޝަންޓް ކެޕިޓަލް' ނުވަތަ އިންވެސްޓްމަންޓް ފޯރުކޮށްދިނުމަށް އުފެއްދި ފަންޑެކެވެ. މި ދާއިރާއަށް އޮތް އިތުބާރު ބޮޑުވަމުންދާކަން ހާމަވާ އަނެއް ކަމަކީ، އެމެރިކާ އާއި އިންޑިއާގެ ވެންޗާ ފާމްތައް ގުޅިގެން އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު 'އިންޑިއާ ޑީޕް ޓެކް އެލަޔަންސް' އެއް އުފެއްދުމެވެ. މީގެ ތެރޭގައި އެކްސެލް، ބްލޫމް ވެންޗާސް އަދި ކުއަލްކޮމް ފަދަ މަޝްހޫރު އިންވެސްޓަރުން ހިމެނޭއިރު، ދުނިޔޭގެ އެންމެ ބޮޑު އެލްއައި ކުންފުނި 'އެންވީޑިއާ' އިން މި އިއްތިހާދުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025ވަނަ އަހަރު އިންޑިއާގެ ޑީޕް ޓެކް ސްޓާޓްއަޕްތަކަށް 1.65 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބިފައިވެއެވެ. މިއީ ކުރީގެ ދެ އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، އެމެރިކާ އާއި ޗައިނާއާ އަޅާބަލާއިރު އިންޑިއާ އަދި އުޅެނީ މާ ފަހަތުގައެވެ. މިދިޔަ އަހަރު އެމެރިކާގެ މިފަދަ ކުންފުނިތަކަށް 147 ބިލިއަން ޑޮލަރު ލިބުނުއިރު، ޗައިނާއިން ވަނީ 81 ބިލިއަން ޑޮލަރު ހޯދާފައެވެ. އިންވެސްޓަރުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ މި އާ ފްރޭމްވޯކަކީ ދިގު މުއްދަތުގެ ސިޔާސަތުތަކަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އިންޑިއާގެ ހުނަރުވެރި އުފެއްދުންތެރިން އެ މީހުންގެ ކުންފުނިތައް ގައުމުން ބޭރަށް ބަދަލުކުރުމުގެ ބަދަލުގައި، އިންޑިއާގައި ތިބެގެން ދުނިޔެއާ ވާދަކުރެވޭ ފަދަ އުފެއްދުންތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ