ޗާގޯސްގެ މައްސަލައަކީ މޮރިޝަން އާއި ޔޫކޭ އާ ދެމެދުއޮތް މައްސަލައެއް: ޔޫކޭ

ޗާގޯސްގެ ސިޔާދަތީ ބާރުތަކާ ގުލޭ މައްސަލަތަކަކީ ހަމައެކަނި މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލަތަކެއްކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ.
ޗާގޯސް މައްސަލައިގެ ތެރެއަށް އަލުން ރާއްޖެއިން ވަނުމަށް ނިންމައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވެވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު، މިދިޔަ ބްރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުން ރާއްޖެއަށް ހައްޤުވާ ބައި ހޯދުމަށް ޤާނޫނީ ގޮތުން ކުރަންހުރި ކަންކަން ކުރައްވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ރާއްޖޭގެ ދެކުނު ސަރަހައްދުން ކަނޑުގެ ބޮޑު ބައެއް ގެއްލިފައިވާތީ އެ މައްސަލަ ދިރާސާކޮށް ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނޭކަމަށް ސަރުކާރުން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.
ޗާގޯސް ރާއްޖެ އިމުގެ ސަރަހައްދު.... ފޮޓޯ: ސަވަރިން ލިމިޓް
ޗާގޯސްގެ މައްސަލަ ރާއްޖެއިން އަލުން ނެގުމާ ގުޅިގެން ތުރުކީގެ އަނަދުލު އަޖަންސީއިން ކުރި ސުވާލަކަށް ޖަވާބުދެމުން އިނގިރޭސި ހާރިޖިއްޔާއިން ބުނެފައިވަނީ، ޗާގޯސް މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާ މޮރިޝަސް އާ ދެޤައުމުގެ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. މި މައްސަލަ ރާއްޖެއާ ބެހުމެއް ނުވާކަމަށާއި، މިކަން ބައިނަލްއަޤްވާމީ ކޯޓުތަކާއި މުއައްސަސާތުގެ ބަޔާންތަކަށް ބަލާލުމުން ސާފުވާނޭކަމަށް އިނގިރޭސި ހާރިޖިއްޔާއިން ބުނެފައިވާކަމަށްއަނަދުލް ނިއުސް އަޖަންސީން ވަނީ ރިޕޯޓްކޮށްފައެވެ.
އިނގިރޭސިވިލާތުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް ނިންމިކަން އިއުލާނުކޮށްފައެވެ. އިނގިރޭސިން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ނިންމި ނަމަވެސް ޑިއޭގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިން ހިންގަމުން އަންނަ އަސްކަރީ މަރުކަޒުތައް އަދިވެސް ހިންގަމުންދާނީ އެ ދެ ޤައުމުންކަމަށް ވަނީ ބުނެފައެވެ. އިނގިރޭސި ހާރިޖިއްޔާގެ އޮފީހުން މިފަހުންވެސް ބުނެފައިވަނީ މި އެއްބަސްވުންތައް އަދިވެސް އެގޮތަށް އޮތްކަމަށާއި، މިއީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެވިފައިވާ މުހިންމު އެއްބަސްވުންތަކެއްކަން ފާހަގަކޮށްފައެވެ.
އިނގިރޭސިން އަންނަނީ 1814 ވަނަ އަހަރުން ފެށިގެން ފޯޅަވަހި ސަރަހައްދު ކޮންޓްރޯލްކުރަމުންނެވެ. އެއަށްފަހު އިނގިރޭސިން ވަނީ މޮރިޝަސްގެ ކިބައިން 1965 އަހަރު ޗާގޯސްގެ ރަށްތަށް ނިގުޅައިގަނެފައެވެ. މިކަމުގެ ތެރެއިން ޗާގޯސްގެ ރަށްތަކުގައި ދިރިއުޅެމުން އައި 2000 ހަށްވުރެ ގިނަ ރައްޔިތުން ވަނީ މޮރިޝަސް އާއި އެނޫންވެސް ބައެއް ތަންތަނަށް ފޮނުވާލާފައެވެ.
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ނުވަތަ ބައިނަލްއަޤްވާމީ ކޯޓުން ވަނީ 2019 ވަނަ އަހަރު ޗާގޯސްގެ ރަށްތައް އިނގިރޭސިން ދޫކޮށްލަންޖެހޭކަމަށް ނިންމާފައެވެ. އެގޮތުން ޗާގޯސްގެ ރަށްތަކުން އެރަށްތަކުގައި އޭރުތިބި މީހުން ފޭބުމަށް އިނގިރޭސިން އެންގި އެންގުމަކީވެސް ގޯސް ނިންމުމެއްކަމަށް ބައިނަލްއަޤްވާމީ ކޯޓުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ