މާދަމާ އޮންނަ އިންތިހާބުގައި ތިން ކަރުދާހެއް އޮތުމުން، އެހެން އިންތިހާބުތަކަށް ވުރެ މި އިންތިހާބުގައި ވޯޓުލުމަށް މީހަކަށް ހޭދަވާ ވަގުތު އިތުރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު މިރޭ ވިދާޅުވެއްޖެ އެވެ. އަދި ވޯޓުލާން މިހާރު ކަނޑައަޅާފައިވާ އެންމެ ފަހު ވަގުތު ކަމުގައިވާ ހަވީރު 4 އަށް ފަހު، ވޯޓުލުމުގެ ވަގުތު އިތުރު ކުރާނީ ގަވައިދުގައިވާ ހާއްސަ ހާލަތުގައި އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މާދަމާ ވޯޓުލާ މީހުންގެ އަތަށް ތިން ވޯޓެއްގެ ކަރުދާސް އަރާނެ އެވެ. އެއީ:
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބަލާ ވޯޓު
ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރުން
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުން
ވީ ކިހިނެއް؟ - އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އީސީ އާއި ފުލުހުން ގުޅިގެން މިރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ތިން ވޯޓެއް އެއް ދުވަހެއްގައި ނަގާ ފުރަތަމަ ފަހަރު ކަމަށާއި އެހެންވެ، އެހެން އިންތިހާބުތަކަށް ވުރެ މާދަމާގެ ވޯޓުގައި ހޭދަވާނެ ވަގުތު އިތުރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެދެން އެހެން ވެދާނެ ކަމަށް ރައްޔިތުން އުންމީދުކޮށްގެން ތިބުމަށް. އެއީ އެއް ކަރުދާހުގައި ފާހަގަ ޖެހުމަށް ހޭދަވާ ވަގުތަށް ވުރެ، ތިން ކަރުދާހުގައި ފާހަގަ ޖެހުމަށް ހޭދަވާ ވަގުތު ވަގުތު ގިނަވާނެތާ،" ކޮމިޝަންގެ ރައިސްކަމާ މިދިޔަ އަހަރު ކުރީކޮޅު ހަވާލުވެވަޑައިގެންނެވި ޒާހިދު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވީ ތިން ވޯޓެއް ލާން ޖެހުނު ކަމުގައި ވިޔަސް، ކަންކަން އިންތިޒާމުކޮށްފައި ހުންނާނީ ވޯޓުލާ މީހާއަށް އުނދަގުލަކަށް ނުވާނެ ފަދަ ގޮތަކަށް، ކޮންމެ ފޮއްޓެއް ކައިރީ ވެސް އެހީތެރިންގެ ގޮތުގައި އިތުރު އޮފިޝަލުން ތިބޭ ގޮތަށް ކަމަށެވެ. އަދި ވޯޓު ކަރުދާސް ލާން ޖެހެނީ އެ ވޯޓަކަށް ހާއްސަ ކޮށްފައިވާ ވަކި ފޮއްޓަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މާދަމާގެ ވޯޓުލުމުގައި ހޭދަވާ ވަގުތު އިތުރުވާނެތީ، ވީހާ ވެސް އަވަހަކަށް ގޮސް އެ ހައްގު އަދާކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކުރީގެ ބައެއް އިންތިހާބުތަކުގައި ހާއްސަ ހާލަތެއް ދިމާނުވި ނަމަވެސް، އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރުކުރަން ފަހު ވަގުތު އީސީން ނިންމާފައިވެ އެވެ. ނަމަވެސް މިފަހުން ބޭއްވި އިންތިހާބުތަކުގައި އެގޮތަށް އަމަލުކޮށްފައެއްނުވެ އެވެ.
އީސީން އިއުލާންކޮށްފައިވާ ގޮތުގައި ވޯޓުލުމުގެ ކިއު ބަންދުވާ ވަގުތަކީ ހަވީރު 4 އެވެ. އަދި އެ ވަގުތަށް ފަހު، އިތުރު މީހަކަށް ކިއުއަކަށް ނޭރޭނެ އެވެ.
މި އިންތިހާބުގައި ފަހު ވަގުތު، ވޯޓުލާ ވަގުތު އިތުރުކޮށްފާނެތޯ އެހުމުން ޒާހިދު ވިދާޅުވީ، ވަގުތު އިތުރު ކުރެވޭނެ ގޮތްތައް ވެސް ގަވައިދުގައި ލިޔެފައިވާ ކަމަށާއި ކޮމިޝަނުން އަމަލު ކުރާނީ އެގޮތަށް ކަމަށެވެ.
"އެއީ ގުދުރަތީ ގޮތުން ދިމާވާ ކަމަކުން، ފޮއްޓެއްގެ ނުވަތަ މުޅި ރާއްޖޭގައި ވެސް އެ ދިމާވާ ހާލަތަކުން ދިމާވެގެން، ވަގުތު އިތުރު ކުރަން ޖެހިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަސް މެންބަރުންނަށް ފެނިއްޖެ ނަމަ، އެކަން ކުރާނެ،" އިތުރަށް ސުވާލު ކުރުމުން ޒާހިދު ވިދާޅުވި އެވެ.
ގަވައިދުގައި އޮންނަ ގޮތަކީ، ގުދުރަތީ ކަމަކުންނޭ [ވަގުތު އިތުރު ކުރެވޭނީ] އެހެންވީމަ، އެކަން ދާނީ އެގޮތަށް."
އިންތިހާބާ ބެހޭ އާންމު ގަވައިދުގެ 31 ވަނަ މާއްދާގައިވާ ގޮތުން "އިންސާނީ ބާރު ނުހިނގާ ފަދަ ގުދުރަތީ ހާދިސާއެއް މެދުވެރިވުމުން" ނޫން ގޮތަކަށް ގަޑިއަށް ބަދަލެއް ނުގެނެވޭނެ އެވެ.
ވޯޓުލެވޭ މީހުންގެ އަދަދު: 294،876 މީހުން
ކައުންސިލް އާއި އަންހެނުންގެ ކޮމިޓީ، މިއިން ކޮންމެ ތަނަކަށް: 678 މަގާމަށް މީހުން އިންތިހާބު ކުރާނެ
ކައުންސިލް ކެންޑިޑޭޓުންގެ އަދަދު: 1،368
ޑަބްލިއުޑީސީގެ ކެންޑިޑޭޓުންގެ އަދަދު: 1،597
ފޮށީގެ އަދަދު: 588
އީސީ އޮފިޝަލުންގެ އަދަދު: 6،581
މޮނިޓާކުރުމަށް: 8،000އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ
3 ވޯޓު ލާތީ މީހަކަށް ހޭދަވާ ވަގުތު އިތުރުވާނެ؛ އިތުރު ކުރާނީ ގުދުރަތީ ހާދިސާއެއް މެދުވެރިވެގެން އެކަނި: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ