ބަލިވިޔަސް ޕާކިސްތާނާ ދެކޮޅަށް ރާއްޖެ އަށް ކުރިއެރުން ބަލިވިޔަސް ޕާކިސްތާނާ ދެކޮޅަށް ރާއްޖެ އަށް ކުރިއެރުން

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިިވިޝަނުގައި، ރާއްޖޭން މިރޭ ރަނގަޅު ކުޅުމެއް ދެއްކި މެޗުގައި ޕާކިސްތާން އަތުން 3-1 އިން ބަލިވެއްޖެ އެވެ.
މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން ވަނީ 5-0 އިން ބަލިވެފަ އެެވެ. މިރޭގެ މެޗުގައި ރާއްޖޭން ވަނީ ޖުމްލަކޮށް ބަލާއިރު، ކުރިއެރުންތަކެއް ހޯދައި ރަނގަޅު ވާދައެއްކޮށްފަ އެވެ، މުޅިން އަލަށް އިންޑޯ ޕިޗެއްގައި މުބާރާތެއް ކުޅޭ ރާއްޖޭގެ ކުޅުންތެރިން އަންނަނީ މެޗުން މެޗަށް ކުރިއެރުން ހޯދަމުންނެވެ.
ޕާކިސްތާން އިން ފުރަތަމަ މެޗުގައި 1-1 އިން ބޫޓާނާ އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުން ވަނީ 3-2 އިން މޮޅުވެފަ އެވެ.
ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ކުޅުނު މެޗުގައި، ހަތަރު ވަނަ މިނިޓްގައި ޕާކިސްތާނުން ލީޑުނެގީ އަޒްވާ ޗޯދަރީ ޖެހި ގޯލުންނެވެ. އެ ޓީމުގެ ކެޕްޓަން، ޒަހުރާ ބޮހާރީ ނެގި ކޯނަރަކުން ވެސްޓް ހޭމް ޔޫތު ޓީމަށް ކުޅެފައިވާ އަޒްރާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ފަހުން ރާއްޖޭން ކުޅުން ރަނގަޅުކޮށް އެޓޭކަށް ގިނަ ބޯޅަތަކެއް ކުޅެން ފެށި އެވެ. ނަތީޖާ އަކަށްވީ ނުވަ ވަނަ މިނިޓްގައި، ޕާކިސްތާންގެ އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން މަރިޔަމް ނޫރާ ޖެހި ގޯލުން ރާއްޖޭން އެއްވަަރުކުރުމެވެ. އޭގެ ފަހުން، ރާއްޖޭގެ ކެޕްޓަން، މަރިޔަމް ސާލިޔާ ފޮނުވާލި ބޯޅައެއް ޕާކިސްތާން ކީޕަރު، ޒީނިޔާ ޖިވްރާޖް މަތަކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޕާކިސްތާނުން ލީޑުނެގީ، ކެޕްޓަން ޒަހުރާ ޖެހި ގޯލުންނެވެ. މިއީ، ރާއްޖޭގެ ކީޕަރު، ސާއިގާ ހުސެއިން ބޯމަތިން ގޯލަށް ބޮޅަ ފޮނުވާލައިގެން ޒަހުރާ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގައި ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި، ޕާކިސްތާންގެ އަންމޫލް ހިރާ ވަނީ އޭރިއާތެރެއިން ރީބައުންސަކުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
މި ހާފުގައި ރާއްޖޭން ރަނގަޅު އެޓޭކްތަކެއް ކުރިއިރު، ރާއްޖޭގެ ފާތިމަތު ސާއިނާ ފޮނުވާލި ރަނގަޅު ހަމަލާއެއް މި ހާފުގައި ޕާކިސްތާން ގޯލު ބެލެހެއްޓި، ގަޒާލާ އާމިރު ވަނީ މަތަކޮށްފަ އެވެ.
ސާފްގެ އަންހެން ފުޓްސަލް މުބާރާތުގައި ރާއްޖޭން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ރާއްޖޭން ބައްދަލުުކުރާނީ ބޫޓާންއާ އެވެ. އެ އަށް ފަހު، ދެން ރާއްޖެ އަށް އޮންނާނީ 23 ވަނަ ދުވަހު ސްރީ ލަންކާއާ ކުޅޭ މެޗާއި 25 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ