ރައީސްގެ ނޫސްވެރީންގެ ބައްދަލްވުންތައް ފަށަނީ، ފުރަތަމަ ބައްދަލްވުން މާދަމާ

މި މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ވިދާޅުވާއި އެއްގޮތަށް ނޫސްވެރީންގެ ބައްދަލްވުންތައް މާދަމާ ފަށަން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގެ މަތިން އެމަނިކުފާނު ދެއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސް މާދަމާ ހެނދުނު 10:00 ގައި އޮންނާނެ އެވެ.
އަދި ވަޒީރުން ބާއްވާ ޕްރެސް ކޮންފަރެންސްތައް މިއަދު ފެށިފައިވާ ކަމަށް ވިދާޅުވި އެވެ. ހީނާ އެ ވިދާޅުވި ގޮތަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ މިއަދު ނޫސްވެރީންގެ ބައްދަލްވުމެއް ބާާއްވާފަ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި ގޮތުގައި މީޑިއާއަށް ސީދާ އެމަނިކުފާނު މައުލޫމާތުތައް ދެއްވުމަށް ބޭއްވޭ ބައްދަލުވުންތަކެއް މި މަހު ފަށާނެ އެވެ.
އެ ބައްދަލުވުންތައް އޮންނާނީ، ކޮންމެ ހޯދަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ކަމަށް ވިދާޅުވި އެވެ.
އަދި ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް އެ ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު ބައްދަލުވުންތައް ބާއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 
މާޗް މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް ހަފްތާއަކު އެއް ފަހަރު އެއް ގަޑި އިރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށާ، މި ބައްދަލުވުންތަކުގެ ތާވަލް ރައީސް އޮފީހުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ