ލަންޑަން (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި 2-1 އިން ޗެލްސީ ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ފަހަތުން އަރައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލަށް 29 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ސިޓީން ދެ ވަނައިގައި އޮތީ 28 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ، ތިން ވަނަ އަށް ޖެހިލި ޔުނައިޓެޑަށް ވަނީ ހަތަރަކަށް ވެއްޓުނު އެސްޓަން ވިލާއާ އެއްވަރަށް 28 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން 48 ޕޮއިންްޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޗެލްސީ އަށް 28 މެޗުން ލިބުނީ 45 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން ލީޑުނެގީ ވިލިއަން ސަލީބާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ޗެލްސީގެ ރީސް ޖޭމްސްގެ ހުރަހެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އާސެނަލްގެ ޕިއޭ ހިންކަޕިއޭ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެ، އެއްވަރުވެފަ އެވެ. އާސެނަލުން މި މެޗުގައި ވެސް ނަތީޖާ ނެރުމަށް ބަރޯސާވީ ކޯނަރަކަށެވެ. އެ ގޮތުން، ކޯނަރަކުން އާސެނަލް މޮޅުވި ލަނޑު ޖެހީ ޖޫރިއަން ޓިމްބާ އެވެ.
ޗެލްސީން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ހަތަރު މިނިޓް ތެރޭ ދެ ރިނދޫ ކާޑު ދައްކައި ޕެޑްރޯ ނެޓޯ އަށް ވަނީ ރަތެއް ދައްކައިފަ އެެވެ. ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވި ލިއަމް ރޮސެނިއާގެ ކޯޗުކަމުގައި ޗެލްސީން އާސެނަލާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.
ޔުނައިޓެޑް ދަނޑުގައި އެ ޓީމު ކޮޅަށް ޕެލަސް އިން ލީޑުނެގީ މަކްސެން ލަކުއާ ޖެހި ލަނޑުންނެވެ. އެކަމަކު، ދެ ވަނަ ހާފުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، ޔުނައިޓެޑްގެ މަތެއުސް ކޫންޏާ އަށް ލަކުއާ ކުރި ފައުލަށް އޭނާ އަށް ރަތެއް ދައްކައި، ޔުނައިޓެޑަށް ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީ ވައްދާލައި، ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް އެއްވަރުކޮށްދިންއިރު، މި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ މައިކަލް ކެރިކް ވަގުތީ ގޮތުން ހަވާލުވެ، ކުރިމަތިިލި ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެފައިވާއިރު، 2023 ގެ ފަހުން ސީޒަނުގެ މިހާ ހިސާބުގައި އެ ޓީމު މި ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.
ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ކުޅުނު މެޗުން ވަނީ 2-1 އިން ފުލަމް އަތުން ބަލިވެފަ އެވެ. އީގޯ ޓޫޑޯ ހަވާލުވި ފަހުން ޓޮޓެންހަމް ކުޅުނު ދެ މެޗުން ވެސް ބަލިވީ އެވެ.
އާސެނަލަށް ފަސް ޕޮއިންޓުގެ ލީޑެއް، ޔުނައިޓެޑް ތިން ވަނަ އަށް އާސެނަލަށް ފަސް ޕޮއިންޓުގެ ލީޑެއް، ޔުނައިޓެޑް ތިން ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ