އެމެރިކާއިން އީރާންގެ މަނަވަރެއް ފައްތާލައިފި

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދެމުން ގެންދާ ހަމަލާތަކުގައި އީރާންގެ މަނަވަރެއް ފައްތާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ. ސެންޓްރަލް ކޮމާންޑުން ބުނީ އީރާން އަސްކަރިއްޔާގެ ޖަމަރާން ކްލާސްގެ އުޅަނދަކަށް، މިހާރު ކުރިއަށްދާ ހަމަލާތައް ފެށުމާ އެކު ހަމަލާ ދީފައިވާ ކަމަށާއި އެ އުޅަނދު މިހާރު ދަނީ ގަލްފް އޮފް އޮމާނަށް ފެތެމުން ކަމަށެވެ. ޖަމަރާން ކްލާހުގެ އުޅަނދުތަކަކީ އީރާންގެ ކަނޑުގެ ސިފައިން އޮޕަރޭޓްކުރާ މަލްޓި ޕާޕަސް ލައިޓް ގައިޑެޑް މިސައިލް ފްރިގޭޓްތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ.އީރާންގެ މަނަވަރެއް ފައްތާލާފައިވާ ކަމަށް ބުނެފައި ވާއިރު ސެންޓްރަލް ކޮމާންޑުން ވަނީ ހަނގުރާމަ ފެށި ފަހުން މިހާތަނަށް އެ މީހުން ތިން މީހަކު މަރުވެ ފަސް މީހަކަށް ސީރިއަސް ޒަހަމްތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެތައް ބަޔަކަށް ކުދި އަނިޔާތައް ވެފައިވާ ކަމަށް ވެސް ބުންޏެވެ. އަނެއްކޮޅުން، އީރާނުން މީގެ އިރުކޮޅެއް ކުރިން ބުނި ގޮތުގައި އެ ގައުމުގެ ހުޅަނގުން އިރާގު ކައިރީގައި އޮންނަ މެހްރް ސިޓީ ކައިރީގައި ބޯޑަރު ބަލަހައްޓާ ސިފައިން ތިބޭ ތަނަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަނީ ސަލާމަތީ ބާރުތަކުގެ 43 މީހަކު މިއަދު މަރުވެފަ އެވެ. "މި ހަމަލާގެ ސަބަބުން 43 ސެކިއުރިޓީ އޮފިސަރުން ޝަހީދުވި. އޭގެ ތެރޭގައި ގިނައީ ބޯޑަ ބަލަހައްޓާ ގާޑުން. ކައިރި އިމާރާތްތަކާއި ބައެއް ތަންތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ،" މެހެރް ނިއުސް އޭޖެންސީން ބުންޏެވެ.އެ ނިއުސް އެޖެންސީން ބުނީ މި ހަމަލާ ދީފައިވަނީ "އެމެރިކާ އާއި ޒަޔަނިސްޓް ދައުލަތުގެ އެޖެންޓުން" ނެވެ. ސިފައިން ތިބި ތަނަށް ހަމަލާ ދިނުމަށް ފަހު ބޮމުން ވެސް ހަމަލާތަކެއް ދިން ކަމަށް ބުންޏެވެ. އީރާނާ ދެކޮޅަށް އިއްޔެ ދޭން ފެށި ހަމަލާތަކުގައި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލާފައި ވާއިރު އީރާނުން ދަނީ އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށާއި އިޒްރޭލަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. މި ހަމަނުޖެހުންތަކުގައި މުޅި މެދުއިރުމަތި ނާމާންވެ މުޅި ދުނިޔެ ވަނީ ހާސްކަމުގަ އެވެ. އީރާނުން ބުނަމުންދަނީ ޚާމަނާއީގެ މަރުގެ ބަދަލު ހިތިކޮށް ހިފާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ