ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ މި ދަނޑިވަޅުގައި، ހޮރްމޫޒް ކަނޑުއޮޅިން "އެންމެ ލީޓަރު ތެޔޮ" ވެސް ބޭރުވިޔަ ނުދޭނެ ކަމަށް އިރާނުން ބުނެފި އެވެ.
އިރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސްގެ ހާތަމް އަލް-އަންބިޔާ ހެޑްކުއާޓާާސްގެ ތަރުޖަމާނު ބުދަ ދުވަހު ވަނީ އެމެރިކާ ނުވަތަ އިޒްރޭލާ ގުޅުންހުރި ކޮންމެ އުޅަނދަކީ ހަމަލާ ދިނުމުގެ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އަރާނެ ކަމަށް އުންމީދު ކުރުމަށް އޭނާ ވަނީ އިންޒާރު ދީފަ އެވެ.
"ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދީ ސަލާމަތާ،" އީރާނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ގުޅިގެން ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލެން ފަށާފަ އެވެ.
ހަނގުރާމައާ ގުޅިގެން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 120 ޑޮލަރަށް އުފުލުނެވެ.
ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ހަކަތައާ ބެހޭ އިދާރާ އިން ވަނީ ކުއްލި ފިޔަވަޅެއް އަޅާފަ އެވެ. އެ އިދާރާގެ 32 މެންބަރު ގައުމަކުން ވަނީ އެ ގައުމުތަކުގެ ކުއްލި ރިޒާވްއިން 400 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް އެއްބަސްވެފަ އެވެ.
ޖަޕާނުން އެކަނިވެސް 80 މިލިއަން ފީފާ ތެޔޮ ނެރުމަށް ނިންމާފައިވާއިރު، ޖަރުމަނާއި އޮސްޓްރިއާ އިންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.
ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ބުދަ ދުވަހު އެކަނިވެސް އެ ސަރަހައްދުން ދަތުރުކުރި ތިން އުޅަނދަކަށް ވަނީ ހަމަލާދީފަ އެވެ. މީގެ ތެރޭގައި އޮމާންގެ އުތުރުން ދަތުރުކުރި ތައިލެންޑުގެ ބޯޓެއްވެސް ހިމެނެ އެވެ.
ނުރައްކާތަކާއެކުވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުޅަނދުފަހަރު އެ ކަނޑުއޮޅިން ދަތުރުކުރުމަށް ބާރުއަޅުއްވާފަ އެވެ.
އދ. ގެ އެހީގެ ކަންކަމާ ބެހޭ ވެރިޔާ ޓޮމް ފްލެޗާ ވަނީ، މި ހަނގުރާމައިގެ ސަބަބުން އެފްރިކާގެ ގައުމުތަކަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ