ހިޔާ ޓަވަރުތަކަށް ކުނި އެޅުން: އާންމުންގެ ޝަކުވާއަކަށްވީ އުކާލެވޭނެ ފަސޭހަ އިންތިޒާމެއް ނެތުން
ހިޔާ ޓަވަރުތަކަށް ކުނި އެޅުން ގޯސް ނަމަވެސް، ކުނި އުކާލެވޭނެ ފަސޭހަ އަދި ޚަރަދުކުޑަ ނިޒާމެއް ވެސް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ބުނެ އާންމުން ނުރުހުން ފާޅުކޮށްފިއެވެ. ރޯދަ މަހާ ދިމާކޮށް، ގޭތެރޭގައި ބޭނުންކުރާ ފަރުނީޗަރު ފަދަ ތަކެތި އާ ކުރުމަކީ ދިވެހީންގެ ތެރޭގައި އޮންނަ އާދައެކެވެ. އެ ކަމުގެ ތެރެއިން، ގިނަ ފަހަރަށް އުކާލާ ތަކެތިން އާއްމު ތަންތަން ގޮނޑަކަށް ހެދުމަކީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް އާއްމުކޮށް ހިނގާ ކަމެކެވެ. އެ މައްސަލަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގައި ވަރަށް ފަހުން ދިމާވިއެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާ ވެސް ކުރިއެވެ. އަދި މިފަހަރުގެ ރޯދަމަހާ ދިމާކޮށް ހިޔާ ޓަވަރުގެ ލިފްޓުތައް ކައިރީ ހުސްކޮށް އޮންނަ ސަރަހައްދު ވެސް ވަނީ ކުނިން ފުރިފައެވެ. ހިޔާ ފްލެޓުގެ ލިފްޓު ސަރަހައްދު ކުނިއަޅާ ފުރާލާފައި: އާންމުން ބުނީ ކުނި އުކާލެވޭނެ ފަސޭހަ އިންތިޒާމެއް ނެތް ކަމަށް -- ފޮޓޯ/ މަލްޝާ ޝަރީފް އެ ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށާއި ކުނި އަޅާ މީހުން ދެނެގަނެ، އެކަން ނުކުރުމަށް އެޗްޑީސީއިން އެންގުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ކުނި އުކާލުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް ފާހަގަކޮށްފައެވެ. ބައެއް މީހުން ވަނީ، ތަންތަނަށް ކުނިއަޅައި ގޮނޑުކުރަން ނުވާނެ ކަމަށާއި ނަމަވެސް ކުނި އުކާލެވޭނެ ފަސޭހަ އިންތިޒާމެއް ވެސް އޮންނަން ވާނެ ކަމަށް ބުނެފައެެވެ. އެގޮތުން ގޭގައި ގެންގުޅެ ބާވެފައިވާ އަވަނެއް އެއްލާލަން 250 ރުފިޔާ ދައްކަން ޖެހުމުން އަގު ބޮޑު ކަމަށާއި، އެކަން ކަމަށް ހައްލެއް ބޭނުންވާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި އެފަދަ ކުނި އުކާލުމުގެ މަސައްކަތް ވެމްކޯއިން ކުރާނަމަ އެއަށް ވުރެ ވެސް އަގުބޮޑު ކަމަށާއި، އެ ހާލަތުގައި 600 ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. އަދި ތަންތަން ގޮނޑު ވަނީ އެގޮތަށް ކަންތައްތައް ހުންނާތީ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ. ހިޔާ ފްލެޓުގެ ލިފްޓު ސަރަހައްދުގައި ކުނިއަޅާ ފުރާލާފައި -- ފޮޓޯ: މުޙައްމަދު ޝާން އަބްދުﷲ ކުނި އުކާލުމަށް އަތުންދާ ޚަރަދު ބޮޑުކަން ފާހަގަކޮށް، މީހަކު ބުނީ ދެ ސޯފާއާއި ކަބަޑެއްގެ އިތުރުން ގޭގައި ބޭނުންކުރާ ސާމާނު ކޮތަޅެއް އުކާލަން 2،200 ރުފިޔާ އަރާ ކަމަށެވެ. އަދި އުކާލާން ބޭނުންވާ އެފަދަ ސާމާނު ރީތިކޮށް ޕެކު ކުރުމަށްފަހު ބޯޓަށް ލައިގެން ރަށަށް ފޮނުވައިގެން އެ އުކާލާކަމަށް ބުނެ ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. https://sun.mv/218135 "ކުނި މިގޮތަށް ތަންތަނަށް އަޅާކަށް ނުވާނެ. އެކަމަކު ކުނި އުކާލެވޭނެ ފަސޭހަ އިންތިޒާމެއް ވެސް އޮންނަން ވާނެ،" މުހައްމަދު ފާރިޝް ކިޔާ މީހަކު ފޭސްބުކްގައި ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ. 'ސަން'އިން ސުވާލުކުރުމުން އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހިޔާ ޓަވަރުތަކަށް ކުނި އަޅާ މައްސަލަ ފާހަގަވީ އިއްޔެ ކަމަށެވެ. އެގޮތުން، އެ ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށާއި ކުނި އަޅާ މީހުން ދެނެގަނެ، އެ ކަން ނުކުރުމަށް އަންގަމުން އަންނަ ކަމަށް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މިހާތަނަށް މީހަކަށް ފިޔަވަޅު އެޅިކަން ސާފުވެފައެއް ނުވެއެވެ. އެޗްޑީސީގެ އޮފިޝަލުން މިހާރު ވަނީ ކުނި އަޅާފައިވާ ތަންތަން ސާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ