ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް

މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލީ ކެންޑިޑޭޓެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، އެ މަގާމަށް ޝަރުތު ހަމަވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށްވުމުން، އޭނާ މަގާމަށް އިންތިޚާބު ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފިއެވެ.ކައުންސިލް އިންތިހާބާ ގުޅޭ އިންތިހާބީ ޝަކުވާއެއް ސުޕްރީމް ކޯޓަށް ހުށަހެޅީ ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ހުށަހެޅި އަބްދުލްމަޖީދެވެ. އޭނާ މައްސަލަ ހުށަހެޅި ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. މަޖީދުގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ހުށަހަޅަން ޖެހޭ ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އެވެ. ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓަށް އިހުތިސާސް ލިބެނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓެއްގެ ޝަރުތަކާ މެދު ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ކަމަށެވެ. މިއަދު އިލެކްޝަން ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ، އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ.އީސީން ވަނީ، އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ، އެ ކެންޑިޑޭޓް މަގާމަށް އިންތިހާބު ވެއްޖެކަން ޢާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ، 69 ގޮނޑި ކާމިޔާބުކޮށްފަ އެވެ.އެ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިހާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް 678 އިންތިޚާބުކުރަންޖެހެ އެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާނެ އެވެ.ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ އެ އިންތިޚާބުގައި އެ ޕާޓީއަށް ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ