ޕީއެންސީގެ އިސްވެރިންތަކެއް އެޗްޑީސީގެ އެމްޑީ ފަޒުލްއަށް ރިޝްވަތު ދީގެން ހުޅުމާލެއިން ގަނެފައިވާ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވައިދު އިސްލާހުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީއެންސީގެ ޕީޖީ ލީޑަރާއި މި ސަރުކާރުގެ ފޮރިން މިނިސްޓަރު ހިމެނޭގޮތަށް އެ ޕާޓީގެ އިސްވެރިން ވަނީ ފަޒުލް އެމްޑީގެ މަގާމުގައި ހުންވަނިކޮށް ހުޅުމާލެއިން ބޮޑެތި ގޯތިތައް ބައްލަވައިގެންފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، ހުޅުމާލެއިން އުސްކޮށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށް ހުއްދަ ދޭން ނިންމީ ސީދާ މި ބޭފުޅުންނަށް އެ ގޯތިތައް އުސްކޮށް އިމާރާތްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައެވެ.
މީގެ ކުރިން ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ ‘ރެޒިޑެންޝަލް ޕްލޮޓް’ތަކުގައި ހުއްދަދީފައި އޮންނަނީ އެންމެ އުސްކޮށް ވެސް ހަތް ބުރިއަށް އިމާރާތްކުރުމަށެވެ. އެހެންނަމަވެސް، ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކުރި އިސްލާހުކޮށްފައިވާ ގަވައިދުގައިވާ ގޮތުން، ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތައް ދެން 10 ބުރިއަށް އިމާރާތް ކުރެވޭނެއެވެ.
މި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން، 10 ބުރިއަށް ހަދާ އިމާރާތްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަން ޖެހެނީ ޕާކިންއަށެވެ. އަދި އެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ބޭނުންކުރަން ޖެހެނީ ދިރިއުޅުން ނޫން އެހެން ބޭނުމަކަށެވެ. މީގެ އިތުރުން ހުޅުމާލޭގެ ނެއިބަހުޑް ނުވައެއްގައި ޕޭމަންޓް ލެވެލުން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއާ ހަމައަށް 18.5 މީޓަރަށް އިމާރާތްކުރެވޭނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.
ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލްއާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުރިހާ ހުއްދަތަކެއް ލިބުމުން ކަމަށާއި، ބިންތަކުގެ އިން ވަކިކުރާ ފާހަގަތައް ޖަހައިދިނުމަކީ އެޗްޑީސީގެ ޒިންމާއެއްކަމަށް ވެސް ގަވައިދުގައި ކަނޑައަޅާފައިވެއެވެ.
ހުޅުމާލޭގެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވަން ރައީސް މުއިއްޒު އެންމެ ފުރަތަމަ ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ޕީއެންސީގެ އިސްވެރިން ފަޒުލްއަށް ރިޝްވަތު ދީގެން ހުޅުމާލެއިން ގަތް ގޮވަތިތައް 10 ބުރިއަށްވުރެ އިސްކޮށް އިމާރާތް ކުރެވޭގޮތަށް ގަވައިދު އިސްލާހު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ