ރެލިގޭޓް ނުވާ ގޮތަށް އޮތް ނަމަވެސް "މޯޓިވޭޝަނަށް" އަސަރެއް ނުކުރޭ، ޓާގެޓަކީ ގަދަ ހަތަރެއް: ނިސްތާރު

މެދުކެނޑުމަކަށްފަހު މިއަދު ފަށާ އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސްގެ ޓާގެޓަކީ ގަދަ ހަތަރެއް ކަމަށާއި، ރެލިގޭޓް ނުވާތީ ފަސޭހަކޮށްލައިގެން ގަދަ ހަތަރެއް ގެއްލެން ބޭނުން ނުވާ ކަމަށް، ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕް 2023 އަށް ލީގު މެދުކަނޑާލުމަށްފަހު އަލުން ފަށާނީ މިއަދުއެވެ. މިއަދު ހަވީރު 4:00 ގައި އޮންނަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗުގެ ކުރިން ގްރީންގެ ކޯޗު ނިސްތާރު ފާހަގަކުރީ ބްރޭކްގައި ތަމްރީނުކުރެވުނު ކަމަށާއި، ފުޓުބޯޅައިގެ ހާލަތު އޮތް ގޮތުން ހުރި ގޮންޖެހުންތައް ގިނަ ކަމަށެވެ.
"ބްރޭކަކަށް ފަހު ފަށަން އެހާ ފަސޭހައެއް ނޫން. މިހާރު ފުޓުބޯޅަ އޮތް ހާލަތުން ކުދިން ޕްރިފާ ކުރަނީ ފުޓްސަލް ކަންނޭނގެ ބޮޑަށް. ފަސޭހައިން ފައިސާވެސް ލިބޭނީ އެކަހަލަ ގޮތަކަށް ކަންނޭނގެ. ކުޑަކޮށް ޝޯޓްކޮށް މިއުޅެނީ. ފުޓުބޯޅައިގެ ހާލަތޭ މިބުނާ ތަންކޮޅަކީ، ކުޅުންތެރިންގެ ޕޭމަންޓާއި އެހެންކަހަލަ ކަންކަމުގެ މައްސަލަތައް ހުރިހާ ޓީމެއްގަވެސް އެބަހުރި. އަދި ބޭންތަކުގެ ވާހަކަވެސް އެބަ އަޑުއިވޭ. އެއީ މިބުނި ހާލަތަކީ،" އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ނިސްތާރު ބުންޏެވެ.
"ފަރިތަކުރުންތައް އަހަރެމެން ކުރިއަށް ގެންދިޔައިން. ހަ ހަފުތާ ދިޔައިރު، އެއް ހަފުތާ ބްރޭކެއް ދީފަ ދެން ހަމަ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިން. ދެން ތަމްރީނުތަކުގެ ތެރެއިން ބައެއް ކުޅުންތެރިން ފުޓްސަލް ކުޅުމަކީ މާ ބޮޑު އިޝޫއެއް ކަމަކަށް ނުދެކެން. އެކަމަކު ޕްރި ސީޒަނެއް ނަހަދައި، ކައިރިކައިރީގަ މެޗު ކުޅުމަކީ ރިސްކެއް. މިސާލަކަށް ރާއްޖޭގެ މޮޅު ކުޅުންތެރިއެއް އޮގީއަކީ. އޮގީ އަނެއްކާވެސް އޭސީއެލް އެ ދިޔައީ. ހަފުތާއެއް ދުވަހު ތަމްރީނުކޮށްފަ ލީގަށް އޮގީ ނުކުތީވެސް، ދެން އަނެއްކާވެސް އޭދަފުށީގަ ކުޅެން އުޅެނިކޮށް، އަނިޔާވެފަ އެހުރީ. މެޗުތައް ކުޅޭއިރު އެ ރިސްކް އޮންނާނެ. އަޅުގަނޑުމެން މި ލީގުގަ ބެލޭވަރަށް ރަށްރަށު ޓީމުތަކަކަށް ނުބެލެވޭނެ. ޓަޔަޑް ވެފަ ހުރިއްޔާ ރެސްޓް ކުރުވަން ޕްރިމިއާ ލީގުގަ އަޅުގަނޑުމެންނަށް އެފޯޑު ކުރެވޭނެ. އެކަމަކު ރަށްރަށުގެ ކުދި މުބާރާތްތަކުގަ ކައިރި ކައިރީގަ މެޗުތައް އޮތަސް، ހުރިހާ މެޗަކަށް ލައިގެން ކުޅެވޭނީވެސް،" މިދިޔަ ބްރޭކްގެ ކަންކަމާ ގުޅޭ ގޮތުން އިތުރަށް ތަފްސީލު ދެމުން ނިސްތާރު ބުންޏެވެ.
ކުރިން ފޯކައިދޫއާއެކުވެސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނިސްތާރު އިއްޔެ ބުނީ ޕްރި ސީޒަންގެ "އެކްސްކިއުސް" ދައްކަން ބޭނުން ނުވާ ކަމަށާއި، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގްރީން އަދި އޮތީ ބޭނުންވާ ހިސާބުގައި ނޫން ކަމެވެ. އެހެން ނަމަވެސް، އެ ހިސާބަށް ޓީމު ގެންދެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.
މިއަހަރުގެ ލީގު ފޯމެޓް އޮތް ގޮތުން، ޕްރިމިއާ ލީގުގެ ޓީމެއް ރެލިގޭޓެއް ނުވާނެއެވެ. އެގޮތަށް އެ އުސޫލު އޮތީ އަންނަ ސީޒަނުން ފެށިގެން ލީގުގެ ފޯމެޓް ބަދަލުކުރުމަށް އެފްއޭއެމްއިން ނިންމާފައިވާތީއެވެ. އަންނަ ސީޒަނަށް އަތޮޅު ކޮލިފިކޭޝަން ބުރުތައް ނިންމާ، އާ ލީގަކަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އަދިވެސް އަތޮޅު ތެރޭގެ ކޮލިފިކޭޝަންތައް އޮތީ މަޑުޖެހިފައެވެ. ރެލިގޭޓް ނުވާ ގޮތަށް އޮތުމަކީ ލީގަށް މާ ބޮޑު ސަމާލުކަމެއް ނުދެވިދާނެ ސަބަބެއްތޯ ނިސްތާރު ކުރެން "ވަން ސްޕޯޓްސް"އިން ސުވާލު ކުރުމުން އޭނާ ބުނީ އެއީ ބައެއް ޓީމުތަކަށް ވެދާނެ ގޮތެއް ނަމަވެސް، ގްރީންގައި ވިސްނުން ތަފާތު ކަމަށެވެ.
"މިހާރު ލީގުގެ ފޯމެޓް އޮތް ގޮތުން، އަސްލު މޯޓިވޭޝަނަށް އަސަރު ކޮށްފާނެ ބައެއް ޓީމުތަކަށް. އެކަމަކު އަޅުގަނޑުމެން ޓީމުގައި މިތިބަ ކުޅުންތެރިންނަކީ ވަރަށް ގޮތްދޫނުކުރާ ކުޅުންތެރިންތަކެއް. ހަމަ އަރައި ކޮންމެ ކުއްޖެއްވެސް ބޭނުންވޭ ތިމަންނަ ހުރެގެން މި ޓީމު ބަލިނުވާނެއޭ ބުނަން. އަޅުގަނޑުމެންނަށް ރެލިގޭޝަން ނެތުން ނުވާ ވަކި ހިތްވަރު ގެއްލޭ ސަބަބަކަށް. ރެލިގޭޝަން އިނަސް، ނެތަސް ޓާގެޓަކީ އަބަދުވެސް ގަދަ ހަތަރެއް. ގަދަ ހަތަރަކަށް އެރުން އެއީ ހުރިހާ ގޮތަކުންވެސް މުހިއްމު ކަމެއް. ސްޕޮންސާޝިޕަށްވެސް ގަދަ ހަތަރެއް މުހިއްމުވޭ،" ނިސްތާރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ