ރައްޔިތުންގެ ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދެއްވާނެ ބޭފުޅަކީ ގާސިމް: ޝައިޚް މޫސާ ނިޒާރު

ދިވެހި ރައްޔިތުންނަށް ކުރިމަތިވަމުންދާ ހުރިހާ މައްސަލަތަކަކަށް ހައްލު ހޯއްދަވައިދެއްވާނެ ބޭފުޅަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށް އައްޝައިޚް މޫސާ ނިޒާރު ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދިން ޖުމްހޫރީ ޕާޓީގެ 'ކަށަވަރު ބޯހިޔާވަހިކަން' ޕްރޮގުރާމްގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު، އައްޝައިޚް މޫސާ ނިޒާރު ވިދާޅުވީ، މާލެ ސަރަހަށްދުގައި ދިރިއުޅޭ ރައްޔިތުންނަށް 25،000 ގެދޮރު ބޭނުންވާކަމަށާއި، މި އަދަދު މުޅި ރާއްޖެއަށް ނިސްބަތްކުރާއިރު ގާތްގަނޑަކަށް 45،000 ގެދޮރު ބޭނުންވާ ކަމަށެވެ.
ނިޒާރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ، ގާސިމް އިބްރާހީމް ރިޔާސަތާއި ހަވާލުވާ ދުވަހުން ފެށިގެން އެމައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތް ފެށިކަމުގައި ވިޔަސް ވެސް، ކުރިޔަށް އޮތް 25 އަހަރުތެރޭގައި ވެސް ހައްލުކުރަން ދަތި މައްސަލައެއް ކަމަށް އެކްސްޕާޓުން ވިދާޅުވާ ކަމަށެވެ.
ނިޒާރު ވިދާޅުވިގޮތުގައި، ގާސިމް އިބްރާހިމްގެ "ކަށަވަރު ބޯހިޔާވަހިކަން" ސިޔާސަތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ އޮޕްޝަންތައް ނުވަތަ ހިޔާރުތައް ހުށަހަޅާފަައިވެއެވެ.
އެގޮތުން، ކަށަވަރު ބޯހިޔާވަހިކަން ސިޔާސަތުގައި ހަތަރު ފަސް ވައްތަރެއްގެ ބޯހިޔާވަހިކަން ހުށަހަޅާފައިވާނެ ކަމަށާއި، އޭގެތެރޭގައި އަސާސީ ބޯހިޔާވަހިކަމާއި، ރަށްރަށުުގައި ނުހެދިފައި ހުރި ގޯތިތައް ވަގުތުން ވަގުތަށް ހަދައި އެކަން ހައްލުކޮށްދެއްވުމަށްޓަކައި ދައުލަތުން އުފައްދާ ހައުސިން ސްކީމްތަކުގެ ދަށުން، ލުއި ލޯނު ފަސޭހައިން އެ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދިނުމާއި، މެދު ފަންތީގެ ފަރާތްތަކަށް ގެދޮރު އަގުހެޔޮކޮށް ގަތުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، ތަނަވަސްކަން އިތުރުކުރުމަށްޓަކައި ވިޔަފާރީގެ ގޮތުން އިންވެސްޓްކުރަން ބޭނުންވާނަމަ އެކަމަށްވެސް ގެދޮރު ލިބޭނެ މަގެއް ހޯދައިދިނުން ހިމެނެއެވެ.
"ކަށަވަރު ބޯހިޔާވަހިކަން" ސިޔާސަތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ހިޔާރުތައް ހުށަހަޅާފައިވާކަމަށް ނިޒާރު ވިދާޅުވާއިރު، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ޤާސިމް މީގެކުރިން ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.
މީގެއިތުރުން، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ