ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒު އައްޔަނު ކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މއ. ސިގްމާ މުހައްމަދު މުޖްތާޒް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އައްޔަނު ކުރައްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން، މުހައްމަދު މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ހުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.
މުޖްތާޒަށް ހުވައި ލައިދެއްވީ، ފަނޑިޔާރު ހުސައިން ޝަހީދެވެ. އަދި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން، ރައީސް މި ރަސްމިއްޔާތުގައި މުޖްތާޒާ ހަވާލުކުރެއްވިއެވެ.
މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ