ފާއިތުވި ތިން އަހަރުގެ ތެރޭގައި ގާޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އެހި ގަރާރަށް ހަތަރު ވަނަ ފަހަރަށް އިންޑިއާއިން ވޯޓު ދިނުމަށް ދެކޮޅު ހަދައިފި އެވެ. އިންޑިއާ އިން އެއްވެސް ކޮޅަކަށް ވޯޓު ވަނީ ނުދީފަ އެވެ.
މިކަމުން ދޭހަވަނީ އިޒްރޭލުން ގާޒާއަށްދޭ ބޮމުގެ ހަމަލާތަކުގައި 55،000 މީހުން މަރުވެ، ކިޔާ ފާޑުކިޔުންތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް މައްސަލައެއް ނެތް ކަމެވެ.
މިއީ މީގެ ހަ މަސް ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ހަނގުރާމަ ހުއްޓާލުމަށް ނެގި ވޯޓުގައި އިންޑިއާ ކުރި ތާއީދާ ދިމާ އިދިކޮޅު ނިންމުމެކެވެ. އެހެންކަމުން، މިއީ ހަ މަސް ތެރޭގައި އިންޑިއާގެ ސިޔާސަތަށް އައި ވަރަށް ބޮޑު ބަދަލެކެވެ.
އިންޑިއާ އިން މި ގޮތަށް ވޯޓް ދީފައި މި ވަނީ ފްރާންސްގެ ހާރިޖީ ވަޒީރު ބަރޮޓްއާ މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ޕެރިހުގައި ހުންނަވަނިކޮށެވެ. އެ ބައްދަލުވުމަކީ ފަރަންސޭސިވިލާތާއި ސައޫދީ އަރަބިއްޔާ ގުޅިގެން ބާއްވާ އދ. އިން ހުށަހަޅާ "ދެ ދައުލަތުގެ ހައްލު"ގެ ކޮންފަރެންސަށް އިންޑިއާގެ ފަރާތުން މަތީ ފަންތީގެ ބައިވެރިވުމެއް ހޯދުމަށް ފްރާންސުގެ ހާރިޖީ ވަޒީރާ މަޝްވަރާ ކުރައްވަން ބާއްވާ ބައްދަލުވުމެކެވެ.
މި މަހުގެ 17 އިން 20އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އިންޑިއާ އިން ބައިވެރިވާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ދެ ގައުމުގެ ޑިޕްލޮމެޓިކް މަސްދަރުތަކުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މި ކޮންފަރެންސްގައި ބައިވެރިނުވުމަށާއި ފަލަސްތީން ބަލައިގަތުމާ ގުޅޭ ވައުދުތައް ނުވުމަށް ޕާޓްނަރު ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.
އިންޑިއާ އިން ވަނީ 1988 ވަނަ އަހަރު ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގެންފަ އެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ މެމްބަރު 193 ގައުމުގެ ތެރެއިން ފަލަސްތީނުގެ ދައުލަތް މިހާރު ވެސް ބަލައިގެންފައިވާ 147 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ.
ސްޕެއިނުން އދ.އަށް ހުށައެޅި އެ ގަރާރު ބުރާސްފަތި ދުވަހުގެ ރޭ ފާސްކޮށްފައިވަނީ ހަތަރު ބައިކުޅަ ފަސް ބަޔަށް ވުރެ ގިނަ ގައުމުތަކުގެ ތާއީދާ އެކު އެވެ. އެ ގަރާރު ފާސްކުރުމާ އެކު އެސެމްބްލީގައި ތައުރީފުގެ އަޑު ގުގުމައިގެން ދިޔަ އެވެ.
އަލްބޭނިއާ، ޑޮމިނިކާ، އިކުއެޑޯ، ކިރިބާތީ، މަލާވީ އަދި އެހެނިހެން ގައުމުތަކާ އެކު ވަކި ކޮޅަކަށް ވޯޓު ނުދިން 19 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ.
"އާންމުން ހިމާޔަތްކޮށް ގާނޫނީ އަދި އިންސާނީ ޒިންމާތައް ދަމަހައްޓަން" އެ ގަރާރަށް ތާއީދުކޮށް 180 ގައުމުގެ ތެރެއިން 149 ގައުމަކުން ވަނީ ވޯޓު ދީފަ އެވެ.
އެ ގަރާރާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލާ އެކު 10 ގައުމަކުން ވަނީ ވޯޓު ދީފަ އެވެ. ދެކުނު އޭޝިއާގެ އިތުރުން ބްރިކްސް ހިމެނޭ ގައުމުތަކުގެ ތެރެއިން ވެސް ވަކި ގޮތަކަށް ވޯޓު ނުދޭ ހަމަ އެކަނި ގައުމަކީ އިންޑިއާ އެވެ.
ގާޒާ ހަނގުރާމަ ހުއްޓާލުމުގެ ގަރާރަށް އިންޑިއާއިން ވޯޓުދިނުމަށް ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ