ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތައް ހަދަނީ ދޮގު ކަމަށާއި ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ސަރުކާރުން އދ. އަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތައް ވަކިިކުރި މައްސަލައިގައި އިންސާނީ ހައްގުތަކާ ބެހޭ އދ. ހާއްސަ ރެޕަޓުއާ، މާގަރެޓް ސެޓާވައިޓުއަށް ފޮނުވި ސިޓީއެއްގައި، ސަރުކާރުން ވަނީ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނުތަކާ އެއްގޮތަށް، ކަނޑައެޅިފައިވާ އިޖުރާއަތުތަކުގެ ތެރެއިން ކަމަށް ބުނެފަ އެވެ.
މި ސިޓީގައި، ފަނޑިޔާރުން ސަސްޕެންޑުރުމުން ފެށިގެން ވަކިކުރުމާ ހަމައަށް ކަން ހިނގައިދިޔަ ގޮތް ކަމަށް ސަރުކާރުން ބުނާ ގޮތް ލިޔެފައިވެ އެވެ. ސިޓީގައި އޮތް ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާކަމަށް އެންގުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ފެށުން ހިނގީ އެއް ދުވަހެއްގެ ތެރޭގަ އެވެ.
މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކުރީ، އެ ފަނޑިޔާރުންގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަން އެ ކޮމިޝަނުން ޖޭއެސްސީއަށް އެނގުމާ ގުޅިގެންނެވެ. ނަމަވެސް މިކަމުގައި ފަނޑިޔާރުންގެ ފަރާތުން ހާއްސަ ރެޕަޓުއާއަށް ލިބިފައި ހުރީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ސުޕްރީމް ކޯޓުގައި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ފެބްރުއަރީ 26، ގެ ހެނދުނުގެ ވަގުތެއްގައި ކާކުކަން ނޭނގޭ މީހަކު އޭސީސީގައި ފައިލްކުރި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ބުނީ އޭސީސީއަށް ޝަކުވާ ލިބުނީ ފަނޑިޔާރު ހުސްނުއް ސުއޫދާ ގުޅިގެން ކަމަށެވެ. އަދި މަހާޒު އާއި އަޒްމިރަލްދާގެ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީއަށް އެންގީ، ހަމަ އެ ދުވަހު، ފުލުހުން ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެ އެވެ.
ސަރުކާރުގެ ސިޓީގައި، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އޭސީސީން އަމަލުކުރަމުން އަންނަ ގޮތް ވަރަށް ބޮޑަށް ދިފާއުކޮށްފައިވެ އެވެ. އަދި އޭސީސީން މައްސަލަ ބަލަން ފެށުމާއި، ބަލަން ފެށިކަން އެންގުމުގައި ކަން ކުރި ގޮތާއި ތަހުގީގުކުރިއަށް ގެންދަނީ ރަނގަޅަށް ކަމަށް ލިޔެފައިވެ އެވެ.
އޭސީސީން ބަލަމުންދާ މައްސަލައިގައި ކުރެވޭ ތުހުމަތެއް ފަނޑިޔާރުންނަށް އަންގާފައި ނުވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ވެސް ސަރުކާރުން ވަނީ އޭސީސީ ދިފާއުކޮށްފަ އެވެ. އަދި ބުނީ މައްސަލައިގެ ތަހުގީގު ހިންގާނެ ގޮތް އެނގޭނީ އޭސީސީއަށް ކަމަށާއި، މި މައްސަލައިގައި މިހާތަނަށް ގިނަ ބަޔަކާ ސުވާލުކޮށްފައިވާއިރު، ތުހުމަތުކުރެވޭ މީހުންނާ އާންމުކޮށް ސުވާލުކުރަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް ނިންމުމަށް ފަހު ކަމަށެވެ.
ހާއްސަ ރެޕަޓުއާއަށް ފޮނުވި ސިޓީގައި ސަރުކާރުން ވަނީ ވަކިވަކި ފަނޑިޔާރުންނާ ގުޅިގެން ޖޭއެސްސީން ބެލި މައްސަލަތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.
ޖޭއެސްސީން ފުރަތަމަ ބަލަން ފެށި ސުލޫކީ މައްސަލައަކީ ހުސްނުއް ސުއޫދާ ދެކޮޅަށް އޮތް މައްސަލައެކެވެ. މި މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް އާންމުންގެ މީހަކު ގެނައުމުން ޖޭއެސްސީން ބަލަން ފެށިއިރު، މިއީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ޖޭއެސްސީއަށް ހުށަހަޅާފައި އޮތް މައްސަލައެއް ކަމަށް ސަރުކާރުން ބުންޏެވެ.
މި މައްސަލަ ނޮވެމްބަރު، 2022 ގައި ހުށަހެޅުމުން ޖޭއެސްސީން ވަނީ މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމަން ފޮނުވާފަ އެވެ. އަދި މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި މީހުންގެ ބަޔާންތައް ނެގި އެވެ. ނަމަވެސް ތަހުގީގުކުރުމާ މެދު ގޮތެއް ނުނިންމަ އެވެ.
ސުއޫދާ ދެކޮޅަށް ހުށަހެޅި މައްސަލައާ މެދު ގޮތެއް ނުނިންމާ އޮއްވާ، އެ މައްސަލަ ފައިލްކުރަން އޭރު ޖޭއެސްސީގެ ރައީސަކަށް ހުންނެވި ހިސާން ހުސެއިން އެންގެވި ކަމަށް ސިޓީގައި ވެ އެވެ.
ނަމަވެސް މިއީ މިއީ ޖޭއެސްސީގެ ރައީސްއަށް އަމިއްލައަށް ނިންމޭނެ ކަމައް ނޫން ކަމަށާއި މިއީ މުޅި ކޮމިޝަނަށް އެކީގައި ނިންމޭނެ ކަމެއް ކަމަށް ޖޭއެސްސީގެ ލީގަލް ޑިޕާޓުމަންޓުން އެނގުމުން އެ މައްސަލަ އެ އޮތް ގޮތަށް އޮތީ އެވެ. އޮއްވާ މި މައްސަލަ ވެސް ތަހުގީގުކުރަން ޖޭއެސްސީން ނިންމީ، އޭސީސީގެ ސިޓީ ލިބުނު ދުވަހު ކަމަށް ސަރުކާރުން ބުންޏެވެ.
ސުއޫދާ ދެކޮޅަށް ޖޭއެސްސީއަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން ސުއޫދު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރި ފަހުން އޭނާއާ ދެކޮޅަށް 10 ޝަކުވާއެއް ލިބިފައިވާ ކަމަށް އދ. ގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލަ 2021 ގައި ފައިލްކުރިއިރު، 2024 ގައި ވަނީ ތިން މައްސަލަ ފައިލްކުރަން ނިންމާފަ އެވެ.
މީގެ ތެރެއިން އެއް ޝަކުވާއާ ގުޅިގެން ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ސުއޫދު ހިލާފުވެފައިވާ ކަމަށް ނިންމާފަ އެވެ. އެ ފަހަރު އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅަކީ އުއްތަމަ ފަނޑިޔާރު މެދުވެރިކޮށް ނަސޭހަތްތެރިވުމެވެ.
ސަރުކާރުން ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ސުއޫދު ކުރެއްވި ތުހުމަތުތަކަށް ވެސް ސިޓީގައި ހަވާލާދީފަ އެވެ. މި ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސިޓީގައި ބުނިއިރު، މިއިން ކަމަކަށް ބާރު ދޭނެ އެއްވެސް ހެއްކެއް ސުއޫދު ނުދައްކާ ކަމަށް ސިޓީގައި ލިޔެފައިވެ އެވެ.
"މި ތުހުމަތު ސާބިތުކުރުމަށް އެއްވެސް ހަގީގަތެއް، ރެކޯޑެއް، ނުވަތަ ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ސަރުކާރުން މި ތުހުމަތުތައް ބަލައިނުގަންނަ ކަމަށާއި، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އޮންނަ އިހުތިރާމް ދެމެހެއްޓުމުގައި ސާބިތުވެ ތިބޭނެކަން އަލުން އަރުވަން،" ސިޓީގައި ލިޔެފައި ވެ އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ މައްޗަށް ޖޭއެސްސީން ހިންގި ތަހުގީގާ ގުޅޭ ގޮތުން ވެސް ސަރުކާރުން ބުނީ ޖޭއެސްސީން އެ މައްސަލަ ބެލީ އޮންނަ އިޖުރާއަތުތަކާ އެއް ގޮތަށް، ގާނޫނުނުގައި ބުނާ ހުރިހާ ފުރުސަތުތަކެއް ފަނޑިޔާރުންނަށް ދީގެން ކަމަށެވެ. ދެ ފަނޑިޔާރުންނަށް ވެސް ވަކީލެއްގެ ފުރުސަތު ލިބި، ކަންކަމުގައި ޖަވާބުދާރީވާށާއި ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދިން ކަމަށް ވެސް ސަރުކާރުން ބުނެފައި ވެ އެވެ.
ސަރުކާރުން ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ އާއި ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގައި އަމަލުކުރި ގޮތް ވެސް ސިޓީގައި ދިފާއުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރުން ބުނީ އެ ބިލު ފާސްކުރުމުގައި މަޖިލީހުން އާންމު އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެ ދުވަހު ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމަން ނެގީ ރޯލް ކޯލް ވޯޓެކެވެ. އަދި މިހެން ވޯޓު ނަގަން ޖެހުނީ މަޖިލީހުގައި ތިބޭ އެމްޑީޕީގެ މެންބަރުން، މައިކު ސިސްޓަމްތަކުގެ ކޭބަލްތައް އުފުރާލުމުން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް މައްސަލަ ދިމާވެގެން ކަމަށް ބުންޏެވެ.
ރެޕަޓުއާއަށް ފޮނުވި ސިޓީގައި މި ބިލު އަނބުރާ ފޮނުވާލި ސަބަބުގެ ތަފުސީލެއް ނުދެ އެވެ. ހަމައެކަނި ލިޔެފައި އޮތީ، ބަންޑާރަނައިބުގެ ލަފާގެ މަތިން އަލުން ވިސްނަން މަޖިލީހަށް އަނބުރާ ފޮނުވާލި ކަމަށެވެ.
ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލައިގައި ސަރުކާރުން ގޯސްކުރީ ސުޕްރީމް ކޯޓުން އަމަލުކުރި ގޮތެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ނިންމުމާއި މައްސަލަ ބެލޭނެ ކަމަށް ނިންމި ސަބަބު ލިޔުމުން ނުދިން މައްސަލަ ސިޓީގައި ފާހަގަކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައިގައި ގޯހެއް ނަހަދާ ކަމަށް ސަރުކާރުން ބުނާއިރު، މީގެ ކުރިން އދ. އިން ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑީޝަރީއަށް ނުފޫޒުފޯރުވުމުގެ ޝައްކުއުފެދޭ ގޮތަށް ކަމަށް ބުނެފަ އެވެ. އަދި ފަނޑިޔާރުންގެ މިނިވަންކަމަށް އަރައިނުގަތުމަށް ވެސް އދ. އިން ގޮވާލާފައި ވެ އެވެ.
އދ. އަށް ފޮނުވި ސިޓީގައި ސަރުކާރުން ބުނީ ނުފޫޒު ފޯރުވި ކަމަށް ބުނެ ފަނޑިޔާރުން ހަދަނީ ދޮގު ކަމަށް އދ. އަށް ފޮނުވި ސިޓީގައި ސަރުކާރުން ބުނީ ނުފޫޒު ފޯރުވި ކަމަށް ބުނެ ފަނޑިޔާރުން ހަދަނީ ދޮގު ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ